ENGLISH

07 އޭޕްރީލު 2026

Advertisement

ޞިއްޙީ ކަންކަމުގައި ޙަޤީގަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް ވަޒީރު އިލްތިމާސްކުރައްވައިފި

07 އޭޕްރީލު 2026

|

ޢަލީ ޝަހީމް

ގަސްތުގައި އޮޅުވާލުމުގެ ނިޔަތުގައި އަދި ބައެއް ފަހަރު ނޭނގިތިބެވެސް ޞައްޙަ ނޫން އަދި ޙަޤީގަތާ ޚިލާފު ވާހަކަތައް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ފަތުރާކަމަށާއި، އެގޮތަށް ޢަމަލުނުކުރުމަށް ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޚިތާބުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް އިލްތިމާސްކުރައްވައިފިއެވެ. 

މިއަދު ވަޒީރު އާއްމުކުރެއްވި ޚިތާބުގައި ވިދާޅުވީ، ޞިއްހީ ކަންކަމާއި ގުޅޭގޮތުން އެކި މަންސަތަކުގައި ފަސޭހަކަމާއެކު އަދި ފަރުވާލެއް ނެތި މި ޒަމާނުގައި ދޮގު މަޢުލޫމާތު ފަތުރަމުންދާ ކަމަށެވެ. 

"ޞިއްޙީ ކަންކަމާއި ގުޅޭގޮތުން ވަކީން ޚާއްޞަކޮށް ބަލިބައްޔާއި، ބަލި ޖެހުމާއި ބަލި ފެތުރުމާއި، އަދި ބަލިތަކުން ފަރުވާ ހޯދުމާ ގުޅޭގޮތުން ސާބިތުނުހިފޭ ޔޯލަ ވާހަކަ ދެއްކުމާއި، ސާބިތުނުހިފޭ ފަރުވާއާއި ހައްލުތައް ބުނެދިނުމާއި އަދި ބައެއް ފަހަރު ވެކްސިންއާއި ތަހުލީލުތަކާއި ބޭހާއި ޑޮކްޓަރީ ފަރުވާއާ ގުޅޭގޮތުން ކަނޑައެޅިގެން ދޮގު މަޢުލޫމާތު ފެތުރުމާއި، ބޭހުގެ ބަދަލުގައި އެވެނި ކަމެއް ކުރުމަށް ނުވަތަ މިވެނި އެއްޗެއް ބޭނުންކުރުމަށް ވަކާލާތުކުރާކަން ފާހަގަކުރެވޭ" ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ މިއީ ވަރަށްވެސް ޒިންމާދާރުކަން ކުޑަ، އަދި ބައެއް ފަހަރަށް މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ކަންކަން ކުރިމަތިވެދާނެ ފަދަ ނޭދެވޭ ޢަމަލުތަކެއް ކަމަށެވެ. އެހެންކަމުން، މިފަދަ ކަންކަމަށް ސަމާލުވެ ތިމާއާ ތިމާގެ އާއިލާގެ ޞިއްޙީ ދުޅަހެޔޮކަމާއި ގުޅުންހުރި މުހިއްމު ނިންމުމެއްގައި، ޞިއްޙީ އިދާރާއާއި ޞިއްޙީ ޚިދުމަތްތެރިންގެ ލަފައާއި އިރުޝާދަށް އިތުބާރުކޮށް އެގޮތަށް ކަންކަން ނިންމުން މުހިއްމުކަމުގައި ވަޒީރު ވިދާޅުވިއެވެ. 

ރާއްޖޭގެ ޞިއްޙި ނިޒާމަކީ ޒަމާނީ މެޑިކަލް ސައިންސާއި ޒަމާނީ ވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ، ޒަމާނީ ތަޢުލީމާއީ ތަމްރީނުން ޤާބިލްހޯދާފައިވާ ޚިދުމަތްތެރިން މަސައްކަތްކުރަމުން އަންނަ ހަރުދަނާ ޞިއްޙީ ނިޒާމެއް ކަމަށް ވަޒީރު ނާޒިމް ވިދާޅުވިއެވެ. 

ރާއްޖޭގައި ބަލިތަކުން ދިފާއުވުމާއި، ބައެއް ބަލިތައް އެއްކޮށް ނައްތާލުމާއި، ބޭސްފަރުވާކުރުމާއި ފަހުގެ ތާރީހުގައި ހޯދާފައިވާ ކާމިޔާބީތަކަކީ މެޑިކަލް ސައިންސާއި ސާބިތުހިފޭ ފަންނީ މަޢުލޫމާތަށް އިތުބާރުކޮށް އަހުލުވެރިވެ އެ އުސޫލުން ޚިދުމަތްތައް އިންތިޒާމުކޮށްފައިވުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

މިއަދުގެ ޚިތާބުގައި ވަޒީރު ވަނީ، ކޮންމެ މީހަކުވެސް އެމީހެއްގެ ޞިއްޙީ ދުޅަހެޔޮކަމާ ގުޅޭ މުހިއްމު ބަދަލެއް ގެނައުމަށް މަސައްކަތްކޮށް، އަދި ޞިއްޙީ ނުރަނގަޅު އާދަތައް ދޫކޮށްލުމަށް އިލްތިމާސްކުރައްވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު