ENGLISH
07 އޭޕްރީލު 2026
އަމާޒަކީ ޞިއްޙީ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށް ސައިންސާއި ޓެކްނޮލޮޖީއަށް އިންވެސްޓްކުރުން: ވަޒީރު ނާޒިމް
07 އޭޕްރީލު 2026
|
ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް.
އެންމެ މަޤްބޫލު
މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ޞިއްޙި ނިޒާމަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް ނިޒާމެއްގެ ގޮތުގައި ދެމެހެއްޓުމަށް، ސައިންސާއި ޓެކްނޮލޮޖީއަށް އިތުރަށް އިންވެސްޓްކުރުން ކަމަށް ޞިއްޙި ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ނާޒިމް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅިގެން އާއްމުކުރެއްވި ޚިތާބުގައެވެ.
މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިއާރަކީ، "ސައިންސުގެ އެހީގައި ޞިއްޙަތަށްޓަކައި އެކުގައި މަސައްކަތްކުރުމަށް ބާރުއަޅާ" އެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރުގެ ޞިއްޙި ސިޔާސަތުތަކަށް ބެލުމުން ވެސް ފެނިގެންދަނީ، ސައިންސުގެ އަލީގައި ޞިއްޙީ ޚިދުމަތާއި ފަރުވާ ބައްޓަންކުރުމުގައި ދެވޭ އަހައްމިއްޔަތުކަން ކަމަށެވެ.
ޕްރައިމަރީ ހެލްތު ކެއަރ، ޕްރިވެންޓިވް ކެއަރ އަދި ދުންފަތުގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމާއި، ގައިންގަޔަށް ނާރާ ބަލިތައް ދުރާލާ ދެނެގަތުމާއި، އެންޓި މައިކްރޯބިއަލް ރެސިސްޓެންސްއިން އަރައިގަތުމާއި، ޓީބީ އާއި އެޗްއައިވީ ފެތުރުން ހުއްޓުވުން އަދި ބަލިތަކުން ރައްކާތެރިިވުމަށް ބޭހާއި ވެކްސިން ދިނުމާއި، ޞިއްޙީ ރެކޯޑުތައް އެއްކުރުމާއި ބެލެހެއްޓުން އަދި ޓެލެމެޑިސިންއާއި ޓެލެހެލްތު ފަދަ ހުރިހާ މަސައްކަތްތަކާއި، މިކަންކަމާއި ގުޅޭ މުހިއްމު ސިޔާސަތުތައް ބިނާވެގެންވަނީ ސާބިތުހިފޭ މެޑިކަލް ސައިންސްގެ ހޯދުންތަކުގެ މައްޗަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޞިއްޙީ ނިޒާމް ތަރައްޤީކުރުމަށް ސަރުކާރުން ދާނީ އަބަދުވެސް މަސައްކަތް ކުރަމުން. މިގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އާ ޓެކްނޮލޮޖީއާއި ވަސީލަތްތައް ހޯދުމާއި މީހުން ބިނާކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތާއި ކުރާ ހޭދަ މިދަނީ އިތުރުކުރަމުން. ރާއްޖޭގެ ޞިއްޙި ނިޒާމަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް ނިޒާމެއްގެ ގޮތުގައި ދެމެހެއްޓުމަށް ސައިންސާއި ޓެކްނޮލޮޖީއަށް ބަރޯސާވެ މިކަމަށް އިތުރަށް އިންވެސްޓް ކުރުމަކީ ޞިއްޙީ ދާއިރާގެ އަމާޒް" ވަޒީރު ނާޒިމްގެ ޚިތާބުގައި ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ސައިންސަށް ރިޢާޔަތްކޮށްގެން ފަންނީ ނިންމުންތައް ނިންމައި އަދި މެންބަރު ޤައުމުތަކަށް އިރުޝާދުދެމުން އަންނަ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ލަފަޔާ އިރުޝާދު ރާއްޖޭން އަބަދުވެސް ބަލައިގަންނަ ކަމަށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އިތުރުން ޔުނިސެފް ފަދަ އދ ގެ އެހެނިހެން ޖަމިއްޔާތަކާ ގުޅިގެން ރާއްޖޭން ކުރަމުން އަންނަ މަސައްކަތުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އައިސްފައިވާ ކުރިއެރުން ސާބިތުކޮށްދެނީ ޞިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ކަށަވަރުކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތުގައި މެޑިކަލް ސައިންސް ދައްކާ ހެޔޮ މަގުން ހިނގުމުގެ މުހިއްމުކަން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ހުރިހާ ޚިދުމަތެއްގައި ވެސް އެންމެ އިސްކަމެއް ދެނީ އެ ޚިދުމަތެއްގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ޚިދުމަތް ފަސޭހައިން ލިބޭނޭ ގޮތުގެ މައްޗަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، ސަރުކާރުގެ އަމާޒަކީ ޞިއްޙީ ފަރުވާއާއި ޞިއްޙީ ޚިދުމަތަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކުރުމަށް މަސައްކަތްކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.