ENGLISH
07 އޭޕްރީލު 2026
ތަޖުރިބާ ހަފްތާއަށް ފަހު ލ. އަތޮޅު އާރުޓީއެލް ޚިދުމަތުން މާދަމާ ޓިކެޓް ވިއްކަން ފަށަނީ
07 އޭޕްރީލު 2026
|
ލ. އަތޮޅުގައި އާރުޓީއެލް ޚިދުމަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ދަތުރުފަތުރާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ލ. އަތޮޅުގައި އާރުޓީއެލް ޚިދުމަތް ފެށުމަށްފަހު، ހިލޭ ދަތުރުކުރެވޭގޮތަށް ހަމަޖެއްސި އެއް ހަފްތާގެ މުއްދަތުގެ ހަމަވުމުން، މާދަމާއިން ފެށިގެން ޓިކެޓް ވިއްކައިގެން ދަތުރުތައް ފަށާނެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެ ޚިދުމަތްދޭ އެމްޓީސީސީއިން މިއަދު އާއްމުކުރި މަޢުލޫމާތުގައި ބުނީ، އަޖުމަ ބެލުމަށް ކަސްޓަމަރުންނަށް ހުޅުވާލި އެއް ހަފްތާގެ ހިލޭ މުއްދަތު މިއަދު ހަމަވާނެ ކަމަށެވެ. އެހެންވެ، މާދަމާއިން ފެށިގެން ފެރީގައި ދަތުރުކުރެވޭނީ ޓިކެޓް ގަނެގެން ކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.
"އަދި، ޓިކެޓް ބައްލަވައިގަތުމަށްޓަކައި، އާރުޓީއެލް ވެބްސައިޓާއި އާރުޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާކަމުގައިވެސް ދަންނަވަމެވެ،" އެމްޓީސީސީއިން އާއްމުކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެދިފައިވެއެވެ.
ލ. އަތޮޅު އާރުޓީއެލް ފެރީ ޚިދުމަތުގައި އަގުނަގާގޮތް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިހާރު ވަނީ އާއްމުކޮށްފައެވެ. އެގޮތުން ރޫޓުތަކާއި ދަތުރުގެ ދިގުމިނަށް ބަލައި އެ އަތޮޅުގައި އެންމެ އަގުހެޔޮކޮށް ނަގާ އަގަކީ ކޮޅަކަށް 35 ރުފިޔާ އެވެ. އެންމެ އަގުބޮޑުކޮށް ނަގާ އަގަކީ ކޮޅަކަށް 125 ރުފިޔާއެވެ.
ސަރުކާރުން ލ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފެށީ މާރިޗު 31 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ޚިދުމަތް ފެށުމެވެ. މި ޚިދުމަތް ނުފަށާ އޮތީ މ، ކ، އއ، އދ އަދި ވ އަތޮޅުގައެވެ.
ލ. އަތޮޅުގައި ފެށި ޚިދުމަތާއެކު އާރުޓީއެލް ވަނީ 15 އަތޮޅަކަށް ފުޅާކޮށްފައެވެ. ލ. އަތޮޅުގެ ކުރިން މި ޚިދުމަތް ފެށީ ފ އަތޮޅާއި ދ އަތޮޅުގައެވެ.
ލ. އަތޮޅުގެ ފެރީ އަގުތައް މި ލިންކް https://www.gazette.gov.mv/iulaan/386994 މެދުވެރިކޮށް ބަލާލެވޭނެއެވެ.