ENGLISH

06 އޭޕްރީލު 2026

Advertisement

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތުގެ ފަސް ވަނަ ސެގްމަންޓްގައި ޝީޓްޕައިލްކޮށް ނިންމައިފި

06 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

އިއްޒުއްދީން ޖެޓީ އިން ހެންވޭރު ޓާމިނަލްއާ ހަމައަށް މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ

މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ސެގްމެންޓް ފަހެއްގެ 143 މީޓަރު ސަރަޙައްދެއްގައި ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން ކީވޯލް ޖެހުމުގެ އަމަލީ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެންކަރު ބްލޮކްތައް ހަރުކުރުމާއި، ކޭބަލް ޓްރެންޗް ހެދުމުގެ އިތުރުން، ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްވެސް ބާރު ސްޕީޑްގައި ކުރަމުން އަންނަ ކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ. 

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، މާލޭގެ އެހެން މަގުތައް ވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އިއްޒުއްދީން ޖެޓީ އިން ހެންވޭރު ޓާމިނަލްއާ ހަމައަށް މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެ އެވެ. އަދި، ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމްވެސް ގާއިމު ކުރުމަށް ހަމަޖެހިފައިވެ އެވެ.

މިގޮތުން ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގައި އެންމެ ފުރަތަމަ ނިންމީ ޖުމްހޫރީ މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށް މި މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ. އެ ސަރަހައްދު ނިންމައި ހުޅުވީ މިދިޔަ އަހަރު ޑިސެމްބަރު މަހުގަ އެވެ.

ދެ ވަނަ ސެގްމެންޓުގައި، ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރުއަޅާ މަގު ހެދުމުގެ މަސައްކަތް ނިންމައި އެ ސަރަހައްދު ހުޅުވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

މިދިޔަ އަހަރު އޭޕްރީލް މަހު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ، މި މަޝްރޫއު ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން އެ މަގު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިވާ، ފެން ހިންދާ ނިޒާމު ފަދަ އެންމެހާ ނިޒާމުތައް ގާއިމުކުރެވި، މަގު ފުޅާކުރެވި، ޓްރެފިކަށް ލުއިފަސޭހަކަން ލިބި، ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވެ އުޅޭ އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ މަގަކަށެވެ.

ކިޔުންތެރިންގެ ހިޔާލު