ENGLISH
06 އޭޕްރީލު 2026
ޕީޓްރަލް އަޙްމަދުބެ އަވަހާރަވުމާ ގުޅިގެން، ޢާއިލާ އާއި މައްޗަންގޮޅީގެ ރައްޔިތުންނަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
06 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
ކާބޯތަކެތީގެ ޚިދުމަތް ދެއްވުމުގައި 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރެއްވި، އަޙްމަދު އާދަމް (ޕީޓްރަލް އަޙްމަދުބެ) އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޢާއިލާއާއި މައްޗަންގޮޅީގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޕީޓްރަލް އަޙްމަދުބެއަކީ ހިތްޕުޅު ހެޔޮ، ޚުލްޤު ރަނގަޅު ބޭފުޅެއް ކަމަށެވެ. އަދި، ހީވާގިކަމާއި އިޖުތިމާޢީ ޚިދުމަތުގައި ވެސް ތަޖުރިބާކާރު ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
"މައްޗަންގޮޅީ އަވަށް ކުރިއެރުވުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި. ކުޅިވަރުގެ ދާއިރާއިން ކްލަބް ލެގޫންސާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބޮޑެތި އެހީތަކެއް ވެދެއްވި. ލޮނުމަސް އެޅުންފަދަ ދިވެހި އުފެއްދުންތަކުގެ މަސައްކަތް ހަތްދިހައިގެ އަހަރުތަކުން ފެށިގެން ކުރެއްވި. މާލެއަށް މަޝްހޫރުވި ގުރާބުތުނޑި ހޮޓަލަށް ފަހު، ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ހޮޓެލް ޕީޓްރަލް އުފެއްދެވި. އަދި ކޭޓަރިންގ ދާއިރާގައި، ޚާއްޞަކޮށް ސަރުކާރުގެ ބޮޑެތި ބައެއް އިދާރާތަކަށް ދިގު މުއްދަތެއްގައި ކެއިންބުއިމުގެ ޚިދުމަތް ދެއްވި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޕޯސްޓް ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމް އަޙްމަދު އާދަމް ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުން އެދި ދުޢާކުރައްވައިފައެވެ.