ENGLISH
06 އޭޕްރީލު 2026
ރިނބުދޫ ކޮންގްރެސްގެ ނޫވިލު ކުލައަށް، ހަ ގޮނޑި ދީ އެމްޑީޕީގެ ބާރު ދުއްވާލައިފި
06 އޭޕްރީލު 2026
|
ރިނބުދޫ ކައުންސިލްގެ އިންތިޚާބީ މެންބަރުން --
އެންމެ މަޤްބޫލު
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންްގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ދ. ރިނބުދޫގެ ހަ ގޮނޑި ވެސް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފި އެވެ.
ހޮނިހިރު ދުވަހު އޮތް އިންތިޚާބުގައި ރިނބުދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުކުރީ މިހާރުވެސް އެ މަޤާމުގައި ހުންނެވި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އިޤްބާލް އަބްދުލްޤައްޔޫމް އެވެ. ކައުންސިލްގެ އަންހެން މެންބަރު ކަމުގެ ގޮނޑިއަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް މަރިޔަމް ޝިފާޒާ އެވެ.
ކައުންސިލް މެންބަރު ކަމަށް އިންތިޚާބުކުރީ ނަވާޒް ޝަރީފް އެވެ. އިޤްބާލް އާއި ޝިފާޒާ އަދި ނަވާޒް އަކީ ނިމެމުންދާ ކައުންސިލްގެ ވެސް މެންބަރުންނެވެ. އެ މެންބަރުން ކުރީ ދައުރު ކާމިޔާބު ކުރީ އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގަ އެވެ. މި ފަހަރު ކޮންގްރެސްގެ ޓިކެޓްގައި ނިކުމެ އިންތިޚާބު ކާމިޔާބު ކުރީ އެވެ.
ރިނބުދޫ އަންހެނުންްގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ އަކަށް އިންތިޚާބު ކުރީ ކޮންގްރެސްގެ ކެންޑިޑޭޓް ފާތިމަތު ސަމާނީ އެވެ. އެ ކޮމެޓީގެ މެންބަރު ކަމުގެ ދެ މަޤާމަށް އިންތިޚާބުވީ ވެސް ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. އެއީ އިނާޔަތު ޝާކިރު އާއި ނިރުޝާނާ މުޙައްމަދު އެވެ.
ރިނބުދޫ އަކީ އެމްޑީޕީގެ މެޖޯރިޓީ ކުރީން އޮތް ރަށެކެވެ. މިއީ އެ ޕާޓީ ނޫން އެހެން ޕާޓީއަކަށް މުޅި ކައުންސިލާއި ޑަބްލިއުޑީސީ ލިބުނު ފުރަތަމަ ފަހަރެވެ. މި ފަހަރުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި އެއްވެސް ކެންޑިޑޭޓަކު ނުނެރެ އެވެ.