ENGLISH
06 އޭޕްރީލު 2026
"ރިޕެއާ" ސްކޭމަކަށް ސަމާލުވުމަށް ފުލުހުން އަންގައިފި
06 އޭޕްރީލު 2026
|
"ރިޕެއާ" ސްކޭމްގެ ނަމުގައި ސްކޭމްއެއް މިހާރު ދަނީ ހިންގަމުން. ފުލުހުން ވަނީ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފައި. ފޮޓޯ؛ދަ މޯލްޑިވްސް ޖަރނަލް
އެންމެ މަޤްބޫލު
އޮންލައިންކޮށް މުދާ ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގަމުންދާ އައު ބާވަތެއްގެ ސްކޭމަކާ ގުޅިގެން އާންމުން ސަމާލުވުމަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އައު އުކުޅެއްގެ ގޮތުން "ރިޕެއާ ސްކޭމް" ގެ ނަމުން ނަންދީފައިވާ އަމަލެއް ހިންގަމުންދާކަމަށާއި މިއީ އޮންލައިން ވިޔަފާރީގެ ތެރެއިން މީހުންގެ އިތުބާރު ހޯދައިގެން ފައިސާ ފޭރުމަށް ރާވައިގެން ހިންގާ އަމަލެއް ކަމަށެވެ.
މި އައު ސްކޭމްގައި ސްކޭމަރުން އެންމެ ފުރަތަމަ އަމާޒުކުރަނީ ފޭސްބުކް މާކެޓްޕްލޭސްގައި ވިއްކާލެވިފައިވާ ކަމަށް ޖަހާފައިވާ ތަކެއްޗަށެވެ. ފޭސްބުކް މާކެޓްޕްލޭސްއަކީ އާންމުކޮށް ގިނަ ބަޔަކު ބޭނުންކުރާ ޕްލެޓްފޯމަކަށް ވުމާއެކު، ސްކޭމަރުންނަށް ފަސޭހައިން ޝިކާރައަކަށް ހަދާނެ މީހުން ހޯދުމަށް މަގުފަހިވެއެވެ. އެއަށްފަހު، އެ މުދަލެއް ވިއްކި ފަރާތަށް ގުޅައި ނުވަތަ މެސެޖުކޮށް، އެ މުދަލަކީ އެ މީހުން މަރާމާތުކުރި އެއްޗެއް ކަމަށް ބުނެ އޮޅުވާލައިގެން އިތުބާރު ހޯދައެވެ.
މިގޮތަށް އިތުބާރު ހޯދުމަށްފަހު، މުދާ މަރާމާތުކޮށް ނިންމާފައިވާ ކަމަށް ބުނެ، އެކަމުގެ އުޖޫރަ ނުވަތަ ރިޕެއާ ފީ ދެއްކުމަށް ސްކޭމަރުން ބުނެ އެވެ. އަދި ބައެއް ފަހަރު މީހުންނަށް އޮޅުވާލުމަށްޓަކައި ފޭކް ރިސިޕްޓް ނުވަތަ އިންވޮއިސް ވެސް ތައްޔާރުކޮށްގެން ފޮނުވަ އެވެ.
މިއީ މުދާ ވިއްކާ ފަރާތްތަކަށް ކުއްލި ސިހުމެއް ގެނުވައި، އަވަސް އަވަހަށް ފައިސާ ޖަމާކުރުމަށް މަޖުބޫރުކުރުވާ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ އުކުޅެކެވެ.
މިފަދަ ސްކޭމަކުން ސަލާމަތްވުމަށް ރައްޔިތުން ސަމާލުކަން ދޭންޖެހޭ ކަންކަން:
* ކުރިން ނުދަންނަ ބަޔަކަށް އެއްވެސް ހާލަތެއްގައި ފައިސާ ނުފޮނުވުން.
* މުދަލެއް މަރާމާތުކުރަން ތިމާ އަމިއްލައަށް ހަވާލުނުކުރާ މީހަކު ފައިސާއަށް އެދުނު ކަމުގައިވިޔަސް، އެއްވެސް ފައިސާއެއް ނުފޮނުވުން.
* މައުލޫމާތު ކަށަވަރުކުރުން.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.
އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ [email protected]އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެއެވެ.