ENGLISH

05 އޭޕްރީލު 2026

Advertisement

ވަޒީރު މުއްތަލިބުގެ މާނަފުން މެސެޖެއް: ކޮންމެ ނަތީޖާ އަކީ ނިމުމެއް ނޫން

05 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު

ޚިދުމަތް ކުރުމުގައި މަޤްޞަދެއް އޮތް މީހަކު ދެ ޞަފްޙާ ދޭތެރެއިން ނުގެއްލޭނެ ކަމުގައި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދުގެ ނަތީޖާއާ ގުޅޭގޮތުން ކުރެއްވި ޕޯސްޓެއްގަ އެވެ. ވަޒީރު ވިދާޅުވީ ޑިމޮކްރަސީގެ މަގަކީ ސީދާ މަގެއް ނޫން ކަމަށާ އެއްކޮޅަށް ދަތުރުކުރާ އަދި އެއްކޮޅަށް ވައިޖެހޭ މަގެއް ވެސް ނޫން ކަަމަށެވެ.

ބައެއް ފަހަރު ރައްޔިތުން ތިމާގެ ފަހަތުގައި ތިބެ ވަޔާ އެއްކޮޅަށް ދާން ބުނާނެ ކަމަށާ ބައެއް ފަހަރު ކުރިމަތިން ހުރަސްއަޅައި ވަޔާ ދެކޮޅަށް ދަތުރުކުރަންވެސް ބުނާނެ ކަން ވަޒީރު ފާހަގަ ކުރެއްވި އެވެ.
"ކޮންމެ ނަތީޖާ އަކީ ނިމުމެއް ނޫނެވެ. ކާމިޔާބީ އަކީ އެކަމާމެދު ހިތްތިރި ކުރަންޖެހޭ ކަމެކެވެ. ހަމައެހެންމެ ނާކާމިޔާބީއަކީ އެކަމާމެދު ވިސްނާ، ހިތްވަރުކޮށް، ގަދައަޅާ މަސައްކަތް ކުރުމަށް ލިބޭ ފުރުޞަތެކެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުން މިނަން ޖެހޭނީ ލިބޭ ކާމިޔާބީއަކުން އެކަންޏެއް ނޫނެވެ," ވަޒީރުގެ ޕޯސްޓްގައި ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ އެއީ ސާބިތުކަމާއެކު ކަންކަން އިސްލާޙުކޮށް، ރައްޔިތުންގެ އިތުބާރު ހޯދަން ކުރާ މަސައްކަތް ކަމަށެވެ. ޑިމޮކްރަސީގައި ރައްޔިތުންގެ ކޮންމެ ނިންމުމަކީ އެއަށް އެންމެން އިޙްތިރާމް ކުރަންޖެހޭ ނިންމުއް ކަމަށާ ރައްޔިތުންގެ ޚިދުމަތުގައި އުޅޭ ކޮންމެ މީހަކީ ރައްޔިތުންގެ ނިންމުމުން ހިމޭންކަމުގައި ހުރެ، ފިލާވަޅު ލިބި، އަބުރުވެރިކަމާއެކު ހިއްވަރުކުރަން ޖެހޭ މީހެއް ކަމަށެވެ.

"ތާރީޚަކީ އެންމެ ދުވަހަކުން ލިޔެވޭ އެއްޗެއް ނޫނެވެ. ތާރީޚު ލިޔެވެނީ ބައިބަޔަށެވެ. ޚިދުމަތްކުރުމުގައި މަޤްޞަދެއް އޮތް މީހަކު ދެ ޞަފްޙާ ދޭތެރެއިން ނުގެއްލޭނެއެވެ," ވަޒީރުގެ ޕޯސްޓްގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު