ENGLISH
26 މާރިޗު 2026
ޑިމޮކްރަސީ ދަންނަ ނަމަ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅެއް ނުހަދާނެ: މެމްބަރު އަލީ މޫސަ
26 މާރިޗު 2026
|
ހޯރަފުށީ ދާއިރާގެ މެމްބަރު އަލި މޫސަ. ފޮޓޯ؛ މަޖިލިސް
އެންމެ މަޤްބޫލު
ޑިމޮކްރަސީ ރަނގަޅަށް ދަންނަ މީހުން ރިޔާސި އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ދެކޮޅު ނުހަދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަލި މޫސަ ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީގެ ހޯރަފުށީ ދާއިރާގެ ކެމްޕެއިން ހަރަކާތްތައް ފެށުމަށް އެ ރަށަށް މިއަދު ވަނީ ކޮންގްރެސް ޕާޓީގެ އިސް ވަފުދެއް ވަޑައިގެންފަ އެވެ. ވަފުދުގައި އިސްކޮށް ހަރަކާތްތެރިވަނީ އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު އިބްރާހީމް ޚަލީލް އެވެ.
ކޮންގްރެސް ޕާޓީގެ ކެމްޕެއިން ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ހަވީރު އެ ރަށުގައި ސައިކަލު ބުރެއް ބާއްވާފައިވާއިރު އެ ހަރަކާތުގެ ތެރެއިން އެމްއެމްޓީވީގެ "ދިވެހީންގެރާއްޖެ" ކަވަރޭޖަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މެމްބަރު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބާ ހޯރަފުށީ ދާއިރާގެ ރައްޔިތުން ކުރިމަތިލަނީ ބޮޑު އުއްމީދަކާ އެކުގައި ކަމަށެވެ.
އެގޮތުން ފާއިތުވި 10 އަހަރު ހޯރަފުށީ ކައުންސިލު އިދިކޮޅު އެމްޑީޕީއަށް ދީފައި އޮތް އޮތުން ބަދަލުކޮށް ސަރުކާރާ ގުޅިގެން ރަށަށް ތަރައްގީ ގެނައުމަށް ރައްޔިތުން ބޭނުންވާކަން މެމްބަރު ފާހަގަކުރެއްވި އެވެ.
އޭޕްރީލު މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ މައި ދެ އިންތިހާބުގެ ރެފަރެންޑަމްއާ ބެހޭގޮތުން މެމްބަރު ވިދާޅުވީ ޑިމޮކްރަސީ ދަންނަ ނަމަ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅު ނުހަދާނެ ކަމަށެވެ.
"ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހަގީގަތުގައި ވަރަށް މުހިންމު ކަމެއް. ވަރަށް ބޭސިކް ފެންޑަމެންޓަލް ޑިމޮކްރެޓިކް ވެލިއުއެއް މި ހިފަހައްޓަނީ. ރައްޔިތުން ގާތު މި އައްސަވަނީ ރަނގަޅު ގޮތަކީ ކޮބައިތޯ؟. އެބަ ފެނޭ މިކަމާ ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުން. ހަގީގަތަކީ ޑިމޮކްރސީ ރަނގަޅަށް ދަންނަ މީހުން އެގޮތަކަށް އަމަލެއް ނުކުރާނެ. ޑިމޮކްރަސީގައި ރައްޔިތުންގެ ބަސް އަހަންޖެހޭނެ. " - ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަލި މޫސަ
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތެއް އޮޅުން ފިލުވާލުމަށް ވޯޓެއް ނެގުމަކީ މައްސަލައެއްކަމަށް ގަބޫލުނުކުރައްވާކަމަށް މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ފައިދާތައް ހޯރަފުށީ ދާއިރާގެ ރައްޔިތުން ގަބޫލުކުރައްވާކަމަށް ވިދާޅުވެ ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވެފަ އެވެ.