ENGLISH

24 މާރިޗު 2026

Advertisement

ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޝަކޫރު އަވަހާރަވެއްޖެ

24 މާރިޗު 2026

|

އައިމިނަތު ޝަފާ

ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުއްޝަކޫރު އަބްދުﷲ. ފޮޓޯ؛ މިހާރު

ފުލުހުންގެ ހިދުމަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު، އަބްދުއްޝަކޫރު އަބްދުﷲ މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުން 75 އަހަރުގައި ޝަކޫރު އަވަހާރަވީ ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ ހިދުމަތުގައި 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވުމަށްފަހު ޝަކޫރު ރިޓަޔާކުރެއްވީ 2009 ވަނަ އަހަރުގެ މާޗު މަހުގެ ފަސް ވަނަ ދުވަހު އެވެ. 

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަކީ، ސިފައިންގެ ތަފާތު ރޭންކުތަކުގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ފުރަތަމަ އަދާކުރެއްވީ، ސިފައިންގެ މީހެއްގެ ވަޒީފާއެވެ. އޭގެފަހުން، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ 4 ނަންބަރު ސަރުދާރު ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމާއި، ކެޕްޓަން ކަމާއި، މޭޖަރ ކަމުގެ ރޭންކް ފުރުއްވައިފައި ވެއެވެ. އެން.އެސް.އެސް.ގައި އެންމެފަހުން ހުންނެވީ، ލެފްޓިނަންޓް ކާނަލް ކަމުގެ ރޭންކުގައި، ސިފައިންގެ ސްޓާފް ބޯޑުގެ މެންބަރެއްގެ ގޮތުގައެވެ.

ސިފައިންގެ ޚިދުމަތުގައި ޢަބްދުއްޝަކޫރު ޢަބްދުﷲ ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ދިވެހި ޤައުމާއި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ރައްޔިތުންގެ ދިފާޢުގައި ކޮށްދެއްވައިފައިވާ މަސައްކަތްޕުޅުތަކާއި އަދި 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ހަމަލައިގެ ތަޙުޤީޤުގައި އަދާކުރެއްވި ދައުރު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. ޢަބްދުއްޝަކޫރު ޢަބްދުﷲ ސިފައިންގޭގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވަނީ ތަޙުޤީޤީ އިދާރާގަ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އުފެއްދެވުމާ ގުޅިގެން، ޢަބްދުއްޝަކޫރު ޢަބްދުﷲ ހަމަޖެއްސެވީ، ސީނިއަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކަށެވެ. ދެ ހާސް އަށް ވަނަ އަހަރުގެ އޮގަސްޓުމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ހުންނެވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގައި ޢަބްދުއްޝަކޫރު ޢަބްދުﷲ ޚިދުމަތް ކުރެއްވިއިރު، ފުލުހުންގެ ޕްރޮމޯޝަން ބޯޑުގެ ޗެއަރމަން ކަމާއި، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް ކަމާއި، ޑިސިޕްލިނަރީ ބޯޑުގެ ވައިސް ޗެއަރމަންކަންވެސް ކުރެއްވިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ، ސިފައިންގެއަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، އަށް ކުލައާއި، އަށް މެޑެލް ލިބިވަޑައިގެންފައި ވެއެވެ.ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، އަޚުލާޤީ މެޑެލް، 3 ނޮވެންބަރުގެ މެޑެލް އަދި ސައްތައިގެ މެޑެލް ހިމެނެއެވެ. ފަހުން ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވިއިރު، ފުލުހުންގެ މެޑެއްޔާއި، ސުނާމީ ކާރިސާގެ މެޑެލްވެސް ޢަބްދުއްޝަކޫރު ޢަބްދުﷲ ހާސިލު ކުރައްވައިފައި ވެއެވެ.

ޝަކޫރު އަވަހާރަވުމާ ގުޅިގެން ފުލުހުން ވެސް ވަނީ އާއިލާއަށް ތައުޒިޔާ ކިޔައިފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު