ENGLISH
24 މާރިޗު 2026
1447 ވަނަ އަހަރުގެ ޙައްޖު: ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށައިފި
24 މާރިޗު 2026
|
ދިވެހިންގެ ބަޔަކު ހައްޖުގެ އަޅުކަމުގައި. ފޮޓޯ؛ ހައްޖު ކޯޕަރޭޝަން
އެންމެ މަޤްބޫލު
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ދާ ޙައްޖާޖީންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަކަން އެކުންފުނިން ހާމަކޮށްފި އެވެ.
ހައްޖު މޫސުމަށް އެ ކުންފުނިން ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަލީ ޝަރީފް ވިދާޅުވީ މިފަހަރު އެންމެ ބޮޑު އިސްކަމެއް ދެނީ ޙައްޖާޖީން އެންމެ ގިނަ ވަގުތު ހޭދަކުރަންޖެހޭ މިނާގެ ޓެންޓުތަކުގެ އިންތިޒާމުތައް މިހާރަށްވުރެ ފުރިހަމަކޮށް، ޙައްޖާޖީންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެންމެ މަތީ ފަންތީގައި ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، މި އަހަރުގެ އިންތިޒާމުތައް މީގެ ކުރިން ދުވަހަކު ވެސް ނުވާހާ ފުރިހަމަވާނެ ކަމަށް ވިދާޅުވި އެވެ.
މިނާގައި ދިވެހި ޙައްޖާޖީން ތިބޭ ސަރަހައްދުގެ ފާހާނާތައް އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިހާތަނަށް 60 އަށްވުރެ ގިނަ ފާހާނާގެ މަސައްކަތް ވަނީ ނިންމާލާފަ އެވެ. ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޝަރީފް ވިދާޅުވީ މި ފާހާނާތަކަކީ ހަމައެކަނި ދިވެހި ޙައްޖާޖީންނަށް ހާއްސަ ކުރެވިފައިވާ ތަންތަން ކަމަށެވެ.
ފާހާނާ ބޭނުންކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ކިއޫ ކުޑަކުރުމުގެ އަމާޒުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ތެރެއިން އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކިން ފާހާނާ ބަރިތައް ހުންނައިރު ވުޟޫ ކުރުމަށްޓަކައި ފާހާނާތަކުގެ ތެރޭގައި ވަކި ހާއްސަ ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފަ އެވެ.
ޙައްޖާޖީންނަށް ފަސޭހަކުރުމަށްޓަކައި ޓެންޓުތަކުގެ އެތެރެއާއި ބޭރަށް ބޮދެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާއިރު ޝަރީފް ވިދާޅުވީ، ޓެންޓުތަކުގެ ތެރޭގައި މިފަހަރު ބޭނުންކުރާ ސޯފާ ބެޑްތައް ފްލެޓް ބެޑްތަކަށް ބަދަލުކޮށް ނަމާދު ކުރެވޭނެ ގޮތް އިންތިޒާމު ކުރަން ނިންމައިފައިވާ ކަމަށެވެ. މީގެ އިތުރުން ޓެންޓުތަކުގެ ބޭރުގައި އިށީނދެލައިގެން ތިބެވޭނެ ބެންޗުތައް ބެހެއްޓުމާއި، އިރުގެ ދޯދިތަކުން ސަލާމަތްވުމަށްޓަކައި ބޭރުގައި ފުރާޅު އެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ޓެންޓުތައް ފިނިކުރުމަށްޓަކައި ޓެންޓުތަކުގެ އެތެރޭގައި އެންމެ ފަހުގެ އޭސީ ސިސްޓަމްތައް ވެސް މިހާރު ހަރުކުރަމުންކަންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
މިފަހަރު ޓެންޓުތައް ކައިރީގައި ކެއްކޭނެ ވަސީލަތްތަކާއެކު ބަދިގެއެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، 24 ގަޑިއިރު ހިލޭ ފިނި ބުއިންތައް ލިބޭނެ އިންތިޒާމު ވެސް ޓެންޓުތަކުގައި ގާއިމުވެފައި ހުންނާނެކަން ޝަރީފް ފާހަގަކުރެއްވި އެވެ.
ރާއްޖެއިން ހައްޖަށް ވަޑައިގަންނަވާ ޙައްޖާޖީންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރުު ރަނގަޅުކުރުމަށް ކޮންމެ ހައްޖު މޫސުމަކާ ދިމާކޮށް ވެސް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.