ENGLISH

24 މާރިޗު 2026

Advertisement

ތެޔޮ އެތެރެކުރަން ނިމުނު އަހަރު 10 ބިލިއަން ރުފިޔާ ހަރަދުވި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް

24 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް 2025 ވަނަ އަހަރު 10 ބިލިއަން ރުފިޔާ ހަރަދުވިކަމަށާއި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެެއެވެ. 

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ހަކަތައިގެ ހާލަތު އޮތް ގޮތުގެ ތަފުސީލުތައް ހާމަކުރައްވަމުން ތޯރިގު ވިދާޅުވީ ނިމުނު އަހަރު ދިހަ ބިލިއަން ރުފިޔާ ތެޔޮ އެތެރެކުރުމަށް ހަރަދުކުރިއިރު އެއީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ދިހަ އިންސައްތަ ކަމަށެވެ. 

މި ފައިސާއަކީ ބޭރު ފައިސާއަށް ބަދަލުކުރުމަށްފަހު ރާއްޖެއިން ބޭރުގައި ހަރަދުކުރި ފައިސާކަން ފާހަގަކުރައްވައި އެކަން ބަދަލުކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށް ތޯރިގު ވިދާޅުވިއެވެ. 

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކުގައިވެސް މައިގަނޑު ގޮތެއްގައި އުފައްދަނީ ތެޔޮ ބޭނުންކޮށްގެން ކަމަށް ވިދާޅުވެ ތޯރިގު ފާހަގަކުރެއްވީ މީހުން ދިރިއުޅޭ ރަށްރަށުގައި 310 މަގަވޯޓުގެ އިންޖީނު ބެހެއްޓި ބޭނުންކުރެވެމުންދާއިރު، ރިސޯޓުތަކުގައި 298 މެގަވޯޓު އަދި ސިނާއީ ރަށްރަށުގައި 30 މެގަވޯޓުގެ އިންޖީނު ބޭނުންކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ދުވާލަކު 7،965 ފީފާ ޑީސަލް ބޭނުންވާއިރު އެއީ އަހަރެއްގެ މައްޗަށް 2،907،225 ފީފާ ޑީސަލެވެ. އަދި ގާތްގަނޑަކަށް މިހާކަށްވަރަށް ޑީސަލް ރިސޯޓުތަކަށްވެސް ބޭނުންވާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ. 

ހަކަތައިގެ ދާއިރާ ތަރައްގީކުރުމުގައި މިހާރު ވަރަށް ބޮޑަށް ސަމާލުކަމެއް ސަރުކާރުން ދެނީ އިއާދަކުރަނަވި ވަސީލަތްތަކުން ހަކަތަ އުފެއްދުމަށްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިވަގުތު ހަމައެކަނި އިއާދަކުރަނަވި ހަކަތައިން ރާއްޖެއަށް ކަރަންޓު ދިނުމަކީ ކުރެވޭނެ ކަމެއް ކަމަށް ނުވީ ނަމަވެސް ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައާ ހަމައަށް އިއާދަކުރަނަވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ކަމަށެވެ. 

"ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޒައާމަތުގައި ހަކަތައިގެ ސިޔާސަތުގެ އިސްތިރާޖިއްޔާތައް ކަނޑައަޅައި އަޅުގަނޑުމެން މިވަނީ އާއްމުކޮށްފައި. އޭގެ އިތުރަށް ހަކަތައިގެ މަގުޗާޓުުވަނީ އިއުލާނުކުރެވިފައި. މިދެންނެވި ދެ ޑޮކިއުމެންޓަށް ބަލައިގެން ހަކަތައިގެ ދާއިރާގެ މަސައްކަތް މިކުރަނީ،"

އެ މަސައްކަތުގެ ތެރެއިން ހުރިހާ ރަށެއްގައި 24 ގަޑިއިރުގެ ހަކަތަ ޔަގީންކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައު ޖަނަރޭޓަރު ގެނައުމާއި ރަށްރަށުގެ ކަރަންޓު ވިއުގަ އިތުރަށް ތަރައްގީކުރުމާއި، އިއާދަކުރަނަވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން ބެޓަރީ ސްޓޮރޭޖު މިންވަރު އިތުރުކުރުން ހިމެނޭއިރު، މިހާތަނަށް 115 މެގަވޯޓުގެ ކެޕޭސިޓީގެ 157 ޖަނަރޭޓަރު ރަށްތަކަށް ފޮނުވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

"އަދި ރަށްރަށުގެ ތަރައްގީއާއެކު އިިތުރުވަމުންދާ ޑިމާންޑަށް ކޭޓާކުރުމަށް ކެޕޭސިޓީ އިތުރުކުރުމަށް ހަ ރަށެއްގައި އައު އިންޖީނުގެ އެޅިފައިވޭ،" ވަޒީރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު