ENGLISH
22 މާރިޗު 2026
ރައީސް، ސީއެމްއީސީ ސައިޓަށް ޒިޔާރަތް ކުރައްވާ މަސައްކަތް ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވައިފި
22 މާރިޗު 2026
|
ރައީސް، ސީއެމްއީސީ ސައިޓަށް ޒިޔާރަތް ކުރައްވާ މަސައްކަތް ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލެއްވުން --
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީއެމްއީސީ) ގެ ހުޅުމާލޭ ފޭސް ދޭއްގެ ސައިޓަށް ޒިޔާރަތް ކުރައްވައި، "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގެ ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވައިފި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދަވާ "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގައި ހިމެނިގެން ހުޅުމާލޭގައި ތަރައްޤީކުރާ 1224 ހައުސިންގް ޔުނިޓްގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް އެމަނިކުފާނު ބައްލަވާލައްވާފައި މި ވަނީ ރޭ ބޭއްވުނު އެ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު އެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ސީއެމްއީސީގެ ފަރާތުން ވެފައިވާ ތައްޔާރީތަކުގެ ތަފުސީލީ މަޢުލޫމާތު ހޯއްދަވާފަ އެވެ. މި މަޝްރޫޢުގެ މަސައްކަތް މަޑުޖެހުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ކުންފުނީގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންނެވުމަށް އިޖާބަދެއްވައި އެ ކުންފުނީގެ ވެރިން ވަނީ މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ވެސް ތާވަލުކުރެވިފައިވާ ތާރީޚްތަކަށް ނިންމަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަޢުލަތުގެ ވަޒީރުންނާއި މި މަޝްރޫޢުގެ ފައިނޭންސަރެއްގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްވެރިންގެ އިތުރުން ސީއެމްއީސީގެ އިސްވެރިންނާއި ސަރުކާރުގެ ގުޅުންހުރި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.