ENGLISH

14 މާރިޗު 2026

Advertisement

މެދުއިރުމަތީގައި ދިވެހި 75 ދަރިވަރުން، އެންމެ ގިނައީ މިސްރުގައި

14 މާރިޗު 2026

|

އައިމިނަތު ޝަފާ

މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު. ބޭރުގައި ކިޔަވާ ކުދިން ހާލަތު އަންނަނީ ގާތުން ބަލަމުންކަމަށް ވިދާޅުވި. ފޮޓޯ؛ މަތީ ތައުލީމީ ވުޒާރާ.

މެދުއިރުމަތީގެ އެކި ގައުމުތަކުގައި މިހާރުވެސް 75 ދަރިވަރުން ތައުލީމު ހާސިލުކުރަމުން ގެންދާކަމަށާއި އޭގެ ތެރެއިން އެންމެ ގިނަ ކުދިން ތައުލީމު ހާސިލުކުރަނީ މިސްރުގައިކަމަށް މަތީ ތަޢުލީމޭ ބެހޭ ވުޒާރާއިން ބުނެފި އެވެ. 

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ ބައްދަލުވުމުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙުމަދު ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ޚާރިޖީ ވުޒާރާއިން ނެރެފައިވާ އެޑްވައިޒަރީތައް އީމެއިލް މެދުވެރިކޮށް ދަރިވަރުންނަށް ފޮނުވަމުން އަންނަ ކަމަށެވެ.

ވަޒީރު ވިދާޅުވީ މެދުއިރުމަތީގެ ފަސް ޤައުމެއްގައި 75 ދަރިވަރުން ކިޔަވަމުން ގެންދާކަމަށާއި އެ ކުދިންނާ އެންމެ ކައިރީގައި ހުރި ޑިޕްލޮމެޓިކް މިޝަނެއްގައި ރަޖިސްޓްރީވާން އެދިފައިވާނެ ކަމަށެވެ.

ވަޒީރު ޑރ. ހައިދަރު ވިދާޅުވީ، ދަރިވަރުންނާ މުއާމަލާތް ކުރުމަށްޓަކައި ވުޒާރާއިން ހެލްޕް ލައިނެއް ޤާއިމްކޮށްފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ކިޔެވުން މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި ޖޫރިމަނާއަކާ ނުލައި އަލުން ކިޔެވުން ކުރިއަށް ގެންދެވޭނެކަމެވެ. ބައެއް ޔުނިވަރސިޓީތަކުގެ ޗުއްޓީ ދުވަސްވަރު ދިނުމާ ގުޅިގެން ރާއްޖެ އަންނަން ބައެއް ދަރިވަރުން ބޭނުންވާ ކަމަށާއި އެކަމަށް ހުއްދަ ދިނުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަވާ ކަމަށް ވެސް އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަޒީރު ޑރ. ހައިދަރު ވިދާޅުވިއެވެ.

މެދުއިރުމަތީގައި ގައުމުތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން:

* މިސްރު: 40 ދަރިވަރުން

* ޔޫއޭއީ: 21 ދަރިވަރުން

* ތުރުކީ: 10 ދަރިވަރުން

* ސަޢުދީ އަރަބިއްޔާ: 2 ދަރިވަރުން

* މިސްރުގައި އަމިއްލަ ގޮތުން ކިޔަވާ 2 ދަރިވަރުން

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ ޚާއްޞަ ކޮމިޓީ އެކުލަވާލެއްވީ 28 ފެބުރުވަރީ 2026 ގައެވެ.

މިއީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ޙައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަޤްޞަދުގައި، ނުވަ ވަޒީރުންގެ މައްޗަށް އެކުލަވާލެއްވި ކޮމިޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު