ENGLISH

13 މާރިޗު 2026

Advertisement

ފެންނަނީ އެންމެ މަންޒަރެއް، އެއީ ޕީއެންސީއާއެކު ހަމަޖެހުން ގާއިމުވާތަން: ސައީދު

13 މާރިޗު 2026

|

ޢަލީ ޝަހީމް

މިއަދު ރާއްޖޭން ފެންނަނީ އެންމެ މަންޒަރެއް ކަމަށާއި، އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ އެކު ރާއްޖޭގެ ހަމަޖެހުން ގާއިމުވެގެންދާތަން ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ސައީދު މިފަދައިން ވިދާޅުވީ ޕީއެންސީގެ ފަރާތުން ރޭ ކުރިއަށްގެންދިޔަ ހުޅުމާލެ ދެކުނު ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

މި ޖަގަހަ ހުޅުއްވައިދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އެވެ. 

ވަޒީރު ވިދާޅުވީ ރާއްޖޭގެ ހަމަޖެހުމަށް ސަރުކާރުން ކާމިޔާބުކަމާއެކު ގިނަ މަސައްކަތްތަކެއްް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިޤްތިޞާދީ ދާއިރާއާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މިއަދު ޤައުމުގެ ހަމަޖެހުމަކީ ބަރާބަރަށް ދަރަނި ދެއްކުން ކަމަށާއި، ބަނގުރޫޓުވާން އޮތް ރާއްޖެ ސަލާމަތްކުރެވުން ކަމަށެވެ. މިއަދު، އެކަމުގައި ދިވެހީންނަށް ކަންބޮޑުވުމެއް ނެތް ކަމަށް ސައީދު ވިދާޅުވިއެވެ. 

ޕީއެންސީގެ ކެންޑިޑޭޓުންނަށް ސައީދު އެދިވަޑައިގެންނެވީ އެއް ރޫހެއްގައި އެއް ވާނެއްގައި މަސައްކަތް ކުރުމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޑިވެލޮޕްމަންޓުގެ ވިޝަން މެނިފެސްޓޯގައި ހިމެނުމާއެކު 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާއަށް ދިވެހި ރައްޔިތުން ތާއީދުކުރެއްވި ކަމަށް ސައީދު ވިދާޅުވިއެވެ. އޭގެފަހުން އެ މެނިފެސްޓޯގެ ކަންކަން ކަށަވަރުކުރުމަށްޓަކައި ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް މި ސަރުކާރަށް ރައްޔިތުން ދިން ކަމަށް ސައީދު ވިދާޅުވިއެވެ.

ކައުންސިލްތަކަށް ވެސް އިންތިޚާބުކުރަންވީ ޕީއެންސީގެ ކެންޑިޑޭޓުން ކަމަށާއި، އަދި މިހާރު ފެންނަ މަންޒަރަކީ ޕީއެންސީއާއެކު ރާއްޖޭގެ ހަމަޖެހުން ގާއިމުވެގެންދާ މަންޒަރުކަމަށް ސައީދު ވިދާޅުވިއެވެ. 

"އަޅުގަނޑަށް ފެންނަނީ ގައުމުގެ ރިޒާވް ބޮޑުވާތަން. އަޅުގަނޑަށް ފެންނަނީ ގައުމު ބޯހިޔާވަހިކަމަށް ސަލާންޖަހަން ޖެހުނު ޖެހުން އިރާދަކުރެއްވިއްޔާ ނިމެނުން އަންނަތަން. މި ދޫނި ހަމަ ޗާލުވެފަ ދުވާލެއް ވެސް ބާރީ. އެއީ ޕީއެންސީގެ ދޫންޏަކީ. އެކަން ރައްޔިތުން އިންތިޒާރުކުރަނީ މި މެނިފެސްޓޯގައި ރައީސް ޖައްސަވާ ރައްޔިތުންނަށް ޕްރެޒެންޓް ކުރި ކަންތައްތަކުގައި" ސައީދު ވިދާޅުވިއެވެ. 

ސައީދު ވިދާޅުވީ، މި ބަންދުގައި ވެސް ޕީއެންސީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މި ސަރުކާރަކީ އަބަދުވެސް ރައްޔިތުންގެ ޚިދުމަތުގައި އޮންނާނެ ސަރުކާރެއް ކަމަށެވެ.

ހުޅުމާލޭގެ ރައްޔިތުން ވޯޓުދޭންވީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށާއި، އިތުރު އެއްވެސް ފިކުރަކަށް ޖާގަ ނުދިނުމަށް ސައީދު އެދިވަޑައިގެންނެވިއެވެ. 

ޕާޓީގެ ކެންޑިޑޭޓުންނަށް އަދި މެންބަރުންނަށް ސައީދު އިލްތިމާސްކުރެއްވީ އެކުގައި މަސައްކަތްކޮށް ބަދަހިކަމާއެކު ކުރިއަށް ދިއުމަށެވެ. އެގޮތަށް ކުރިއަށް ގޮސްފި ނަމަ، ރާއްޖޭގައި ވެރިކަންކުރާނީ ކޮން ޕާޓީއެއްތޯ ރައްޔިތުން ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެކަމަށް ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު