ENGLISH

13 މާރިޗު 2026

Advertisement

ކަންކަން ހައްލުވާން އޮތީ މޭޔަރާ އެކު ޕީއެންސީގެ ކައުންސިލަރުން ހޮވައިގެން: ޝުޖާއު

13 މާރިޗު 2026

|

އައިމިނަތު ޝަފާ

ކޮންގްރެސް ޕާޓީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ޝުޖާއު ބައިވެރިވެވަޑައިގަންނަވަނީ. ކަންކަން ހައްލުވާނީ ޕީއެންސީ ކައުންސިލެއް އޮވެގެންކަމަށް ވިދާޅުވި. ފޮޓޯ؛ ޕީއެންސީ

މާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ނިމުން އައިސް ކަންކަން ހައްލުވާން އޮތީ މޭޔަރާ އެކު ޕީއެންސީގެ ކައުންސިލަރުން ހޮވައިގެން ކަމަށް ކޮންގްރެސް ޕާޓީގެ ނާއިބުރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ. 

ކޮންގްރެސް ޕާޓީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ މާލޭގެ މޭޔަރުކަމުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު އެމްޑީޕީގެ ސަރުކާރުން އެމަނިކުފާނަށް ހުރަސްއަޅަމުން ގެންދިޔަ ކަމަށެވެ. އެހެންކަމުން މިއަދު މާލޭ ސިޓީ ކައުންސިލަށް މޭޔަރަކު ވަޑައިގެން މަސައްކަތް ފައްޓަވަން ޖެހޭނީ ރައީސް މުއިއްޒު ނިންމެވި ހިސާބުންކަމަށް ޝުޖާއު ވިދާޅުވި އެވެ. ޝުޖާއު ވިދާޅުވީ މިފަހަރުވެސް މާލެ ސަރަހައްދަށް މެނިފެސްޓޯއެއް އެބަ އޮތްކަމަށާއި އެ މެނިފެސްޓޯ ތަންފީޒުކުރަން މޫސާ އަލީ ޖަލީލު ހޮވަންޖެހޭކަމަށް ޝުޖާއު ވިދާޅުވި އެވެ. 

"ރައީސް މުއިއްޒު މޭޔަރުކަމުން ވަކިވީ ހިސާބުން ފެނިގެންދިޔައީ މާލޭ ސިޓީ ކައުންސިލު އަނދިރިވެގެންދިޔަ މަންޒަރު. އަޅުގަނޑުމެންގެ ކައުންސިލަރުން މަސައްކަތް ނުކުރައްވާތީކީ ނޫން. އެހެންނަމަވެސް ނިޒާމު ހަމަޖެހިފައިވާގޮތުން ކައުންސިލަރަކު މަސައްކަތް ކުރި ނަމަވެސް ފަހު ބަސް އިއްވަނީ މޭޔަރު. މިއަދު ހުޅުމާލޭ ދެކުނު ދާއިރާގެ ރައްޔިތުން ވިސްނަވަންވީ އުބެއިދު އެކަނި ހޮވައިގެން މިކަންކަން ނިންމޭކަށް ނެތް. އުބެއިދާ އެއްކޮށް މާލޭގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލު އެބަ ވައްދަންޖެހޭ. " - ކޮންގްރެސް ޕާޓީގެ ނާއިބުރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު

ޝުޖާއު ވިދާޅުވީ މިފަދައިން ކަންކަން ނުކޮށްފިނަމަ ލިބޭނީ މިހާރު މާލޭ ސިޓީ ކައުންސިލުގައި ތިއްބެވި ޕީއެންސީގެ ކައުންސިލަރުންނަށް ލިބޭކަހަލަ ލަނޑުކަމަށެވެ. ޝުޖާއު ވިދާޅުވީ ކައުންސިލުގައި ތިއްބެވި ޕީއެންސީގެ ކައުންސިލަރުން މަސައްކަތް ކުރައްވާކަމަށާއި އެކަމަކު އެކަންކަން ތަންފީޒު ނުކުރެވެނީ މޭޔަރު އެކަންކަމަށް ހުރަސްއަޅުއްވާތީ ކަމަށެވެ. 

މާލެ ސިޓީ ކައުންސިލުގެ މެޖޯރިޓީ ކޮންގްރެސް ޕާޓިއަށް ދޭންޖެހެނީ މާލޭގެ މޭޔަރެއްގެ ނާގާބިލުކަން ރައްޔިތުންނަށް ފެންނަމުންދާތީކަމަށް ޝުޖާއު ވިދާޅުވި އެވެ. 

ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޮވައިފިނަމަ މާލެ ސަރަހައްދަށް ބޭނުންވާ ތަރައްގީ ގެނެސްދޭނީ ސަރުކާރާ ގުޅިގެން ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކުގައި ކަމަށް ޝުޖާއު ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު