ENGLISH
01 މޭ 2026
ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް: ޖޫނިއާ ވިމެންސް ޗެމްޕިއަންކަން ޒޯހާ އަށް، ޑްރޮޕްނީ އިވެންޓް ކާމިޔާބުކުރީ ކުޑަ އައްޔަ
01 މޭ 2026
|
މުބާރާތުގެ ހަތަރު ކެޓަގަރީގެ ޗެމްޕިއަނުން، ކުޅިވަރު ވަޒީރު ރާފިޢު (ވ) އާއެކު ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ޤައުމީ ބޮޑީބޯޑިންގ ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ، "ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް 2026" ގެ ތާރީޚީ ޖޫނިއާ ވިމެންސް ޗެމްޕިއަންކަން، ޒޯހާ އަޒްލީ ހޯދިއިރު، ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަންކަން މި ފަހަރު ވެސް އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދައިފިއެވެ.
މިއަދު ހަވީރު މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މުބާރާތުގެ އެކި އިވެންޓްތަކުގެ ޗެމްޕިއަނުންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުގެ މުބާރާތުގެ މެންސް އޯޕަން ޗެމްޕިއަންކަން ހޯދީ އާމިން އުމަރު މޫސާ އެވެ. އާމިން ވަނީ މެންސް އޯޕަންގެ ފައިނަލް ހީޓުގައި އަސްވާން މުޙައްމަދުގެ މައްޗަށް ކުރިހޯދާފައެވެ. މި އިވެންޓްގެ ތިންވަނަ އަށް ދިޔައީ ކުޑަ އައްޔަ އެވެ.
ރާއްޖޭގެ ބޮޑީބޯޑިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް "ޖޫނިއާ ވުމަންސް" ޑިވިޜަން ތައާރަފްކުރިއިރު، މި ފަހަރުގެ މުބާރާތުގައި ޒޯހާ ވަނީ މިއަދު ކުރިއަށްދިޔަ ފައިނަލް ހީޓުގައި ޒަހާ ޒައިދުލް ހަލީލްގެ މައްޗަށް 5.57 ގެ ސްކޯއަކުން ކުރިހޯދާފައެވެ. މުބާރާތުގެ ފައިނަލް ހީޓުން ޒޯހާ ކާމިޔާބު ހޯދީ 11.74 ގެ ސްކޯއެއް ކޮށްގެންނެވެ. ޒަހާ އަށް ސްކޯ ކުރެވުނީ 6.17 އެވެ.
މުބާރާތުގެ ތާރީޚުގައި އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަމަށްވާ، ކުޑަ އައްޔަ ވަނީ ޑްރޮޕްނީ އިވެންޓްގައި 8.63 ގެ ތަފާތު ބޮޑު ސްކޯއަކުން އާމިން އުމަރު މޫސާގެ މައްޗަށް ކުރިހޯދާފައެވެ.
މި އިވެންޓުގެ ފައިނަލް ހީޓުގައި ކުޑަ އައްޔަ ވަނީ، 13.67 ސްކޯއެއް ކޮށްފައެވެ. އާމިން އަށް ސްކޯ ކުރެވުނީ 5.04 އެވެ.
ޖޫނިއާ މެންސް ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ނޫހު މުޙައްމަދު ދުނައިމް އިރުޝާދު އެވެ. އޭނާ ވަނީ މުބާރާތުގެ ފައިނަލް ހީޓުގައި އިޔާން އަހުމަދުގެ މައްޗަށް 5.46 ގެ ސްކޯ އަކުން ކުރިހޯދާފައެވެ. ނޫހު ވަނީ ފައިނަލް ހީޓުގައި 12.16 ސްކޯ ކޮށްފައެވެ. އިޔާން އަށް ސްކޯ ކުރެވުނީ 6.70 އެވެ.