ENGLISH
02 މޭ 2026
ރާާއްޖޭގެ ހުރިހާ ރަށަކަށް އޭޓީއެމް، ކޮންމެ ރައްޔިތަކަށް މާލީ ނިޒާމަަށް ވާސިލުވެވޭނެ މަގެއް
02 މޭ 2026
|
ރަށެއްގައި ބީއެމްއެލްއިން ބެހެއްޓި އޭޓީއެމްއެއް ރައީސް ޑރ.މުއިއްޒު ހުޅުއްވައިދެއްވަނީ
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ މަގުސަކީ ހުރިހާ ދިވެހިންނަށް މާލީ ނިޒާމަށް ވާސިލުވެވޭނެ މަގުފަހިކޮށްދެއްވުމެވެ. މާލީ މުއާމަލާތްތައް ހިންގުމުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އުފުލަމުން އައި ބުރަތަކާއި ކުރިމަތިލަމުންދިޔަ އުދަގޫތަކުން ސަލާމަތްކުރެއްވުމެވެ.
ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ދައުރުން ދެ އަހަރު ފާއިތުވީއިރު އެމަނިކުފާނުގެ އެ ވައުދުފުޅުވަނީ ފުއްދަވާފައެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ބެހެއްޓުމުގެ ބޮޑު މަޝްރޫއު ކާމިޔާބުކަމާއެކު އެ ބޭންކުންވަނީ ތަންފީޒުކޮށް ނިންމާފައެވެ.
ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތުގެ ތެރެއިން 187 ރަށުގައި ޖުމްލަަ 340 އޭޓީއެމް ގާއިމުކުރެވުނެވެ. ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެފައިވާ ގޮތުގައި 2025 ވަނަ އަހަރު އޭގެ ކުރީގެ 24 އަހަރު ތެރޭ ބެހެއްޓި އޭޓީއެމްތަކުގެ އަދަދަށްވުރެ ގިނައެވެ.
ތާރީހަށް ބަލާއިރު 2024 ވަނަަ އަހަރުގެ ނޮވެންބަަރު މަހު ރާއްޖޭގެ ހުރިހާ ރަށެއްގަައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު ބީއެމްއެލްއިން އަމަލީ ގޮތެއްގައި ފެށުމާ ހަމައަށް މާލެ ސިޓީ ހިމެނޭހެން ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ލިބެމުންދިޔައީ އެންމެ 81 ރަށަކުންނެވެ. ބީއެމްއެލްގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ ބޭންކުންވަނީ ނުވަ މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމް ބަހައްޓާފައެވެ.
އޭޓީއެމްތައް ބެހެއްޓުމަކީ ވަރަށް ކުޑަ އާދައިގެ ކަމެއްގެ ގޮތުގައި ބަޔަކު ސިފަކޮށް އެކަމަށް މަލާމާތްކުރި ނަމަވެސް ބީއެމްއެލްގެ ހިސާބުތަކުން ފެންނަނީ އޭޓީއެމް ބެހެއްޓުމުގެ ސަބަބުން ރައްޔިތުންނަށް އެކަމުން ފައިދާތަަކެއް ލިބުނު ކަމެވެ. އޭޓީއެމް ނެތް ރަށްރަށުގައި ހިންގަމުން އައި ވިޔަފާރިތަކަށް ލިބޭ ފައިސާ ބޭންކުތަކަށް ޖަމާކުރުމުގައި ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެއެވެ. އަދި އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފައިސާ ނެގުމާއި ފައިސާ އެހެން މީހުންނަށް ފޮނުވުމުގައިވެސް ދަތިތަކެއް ކުރިމަތިވަމުންދިޔައެވެ.
އެމްއެމްއޭއިން ފާހަގަަކުރި ގޮތުގައި އޭޓީއެމް ބެހެއްޓުމުން ލިބޭ އެންމެ ބޮޑު ކުރިއެރުމަކީ ކުރިން ފައިސާ ޖަމާކުރެވޭނެ ގޮތެއް ނެތިފައި ތިބި މީހުންނަަށް ފަސޭހަމަކާއެކު ބޭންކިން ނިޒާމުގެ ތެރެއަށް ފަައިސާ ޖަމާކުރުމުގެ ފުރުސަތު ލިބިގެންދިއުމެވެ. ބީއެމްއެލްގެ ތަފާސްހިސާބުތަކުންވެސް ފެންނަން އޮތް ހަގީގަތަކީ އޭޓީއެމް ހިދުމަތް ފުޅާކުރުމާއެކު ބޭންކުގެ ޑިޕޮސިޓުވެސް އިތުރުވުމެވެ. އެގޮތުން ކަސްޓަމަރުން ބޭންކަށް ޖަމާކޮށްފައިވާ ފައިސާ ވަނީ 37.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އޭޓީއެމްއެއް ނެތުމުން އޭޓީއެމް ހުންނަ ރަށަށް ބޮޑު އަގު ދައްކައިގެން ދަތުރުކޮށް ފައިސާ ޖަމާކޮށް ފައިސާ ނަގަަން ކުރަންޖެހުނު ހޭދައާއި ތަކުލީފުގެ ދަތިކަމާއި ބޮޑުކަން އިހުސާސްކުރެވޭނީ އޭޓީއެމްއެއް ނެތި އެ ދަތިތައް ތަހައްމަލުކޮށް ތަޖުރިބާކުރި ރައްޔިތުންނަށެވެ. ދިރިއުޅޭ ފަސްގަނޑުން އެ ހިދުމަތްތައް އިތުރު ހޭދައެއް ކުރަންނުޖެހި ލިބޭނެ އިންތިޒާމު ހަމަޖެހުމަކީ އެ ރައްޔިތުންނަށް ލިބުު ބޮޑު ލުޔެކެވެ. އެކަން އެ ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުއެވެ.