ENGLISH
13 މާރިޗު 2026
ހެޔޮ ޢަމަލުތަކަށް ބޮޑާވެ، ފަޚުރުވެރިވާ ނަމަ އެ ޢަމަލުތައް ބާޠިލުވެދާނެ: ހުކުރު ޚުޠުބާ
13 މާރިޗު 2026
|
އެންމެ މަޤްބޫލު
ކުރިން ކުރެވިފައިވާ އަޅުކަންތަކަކީ، ގިނަގުނަ ހެޔޮ ޢަމަލުތަކެއްކަމުގައި، އަހަރެމެން ދެކިގެންނުވާނެ ކަމަށާއި، ކުރެވުނު ހެޔޮ ޢަމަލުތަކަށް ޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ، އެއީ މާގިނަ ހެޔޮ ޢަމަލުތަކެއްކަމުގައި ދެކޭ ނަމަ އެ ޢަމަލުތައް ބާޠިލުވެދާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ރަމަޟާންމަހަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބޭށެވެ!" މި މައުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބުނީ، އަހަރެމެންނަށް ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އެ ހެޔޮކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ ޢަމަލުތައްކުރުން މަތީގައި ދެމިތިބޭން ޖެހޭ ކަމަށާއި، ކުރެވުނު ޢަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމަކުން، ސުވަރުގެ ޔަޤީންވީކަމަށް އަހަރެމެން ދެކިގެން ނުވާނެ ކަމަށެވެ.
"ރަމަޟާންމަސް އަހަރެމެންނާ ވަކިވަނީ، ޝައްވާލުމަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގުފަހިކޮށްދީފައެވެ. އެހެންކަމުން ތިބާއީ ހެޔޮކަމަށް އެދޭ މީހަކަށް ވާށެވެ! އަދި ދީލަތިވަންތަ ﷲ ދެއްވި މި ނިޢުމަތުގެ ބޭނުންހިފާށެވެ! މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ސަވާބު ލިބިގަންނާށެވެ!" ޚުޠުބާގައި ބުންޏެވެ.
ހެޔޮ ޢަމަލުތަކަކީ ނުބައިކަންތައް ފޮހެލާ ކައްފާރާއެއް ކަމަށާއި، ރަމަޟާންމަސް އަހަރެމެންނާ އަލްވަދާޢުކީ ނަމަވެސް، ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ. އަޅުކަންކުރުމަކީ، މާތްﷲ އަހަރެމެން ޚަލްޤުކުރައްވައި، އަހަރެމެންގެ މައްޗަށް ވާޖިބުކުރައްވާފައިވާ ކަމެއް ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.
"އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭކަމެއް ނޫނެވެ. މުއުމިނުންގެ މުޅި ޙަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެއެވެ. ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވެއެވެ. ރަމަޟާންމަހަކީ އެ ފަދަ މޫސުމެކެވެ. އެއީ އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ. އަދި އެ މަސް ނިމުނީމާ ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނެއެވެ. ހެޔޮ ޢަމަލެއްކުރުމަށް ފަހު، އެންމެ މުހިންމުކަމަކީ، އެ ޢަމަލު ޤަބޫލުކުރައްވައިތޯ ދެންނެވުމާއި، އެ ކުރެވުނު ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާކުރުމެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ވަނީ، ގިނަ ގިނައިން ތައުބާވެ، މާތްﷲ އަށް އިސްތިޣުފާރު ކުރުމަށް ގޮވާލާފައެވެ. އިސްތިޣުފާރު ކުރުމަކީ، ﷲގެ ހަޟުރަތުގައި ފާފަފުއްސެވުމަށް އެދި ދެންނެވުން ކަމަށާއި، އެކަލާނގެއީ ތައުބާވާ މީހުންގެ ތައުބާ ޤަބޫލުކުރައްވާ ފާފަފުއްސަވާ ރަސްކަލާނގެކަން ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، ނިމިގެން މި ދާ ރަމަޟާންމަހު ތިބާގެ ޢަމަލުތައް ހުރި ގޮތާ މެދު ވިސްނައިލުމަށްފަހު، ފަރުޟު ފަސްނަމާދަށް ރައްކާތެރިވީ ފަދައިން ރަމަޟާންމަހަށް ފަހުގައި ވެސް އެ ގޮތުގައި ދެމިތިބުމަށް އިލްތިމާސްކޮށްފައެވެ. ކޮންމެ ދުވަހަކު ޤުރްއާނުން ޞަފުޙާއެއް ނަމަވެސް ކިޔެވޭތޯ ބެލުމަށާއި، ހެޔޮ ޢަމަލުކުރުމުގައި ހީވާގިވެ، ކިތަންމެ މަދުން ކުރެވުނަސް ހުއްޓައިނުލައި ކުރިއަށްދިއުމަށް ޚުޠުބާގައި ބުންޏެވެ.