ENGLISH
13 މާރިޗު 2026
ދިގުރަށު އަލިފާނުގެ ހާދިސާ: އިންސާނީ ހައްގެއް ގެއްލޭފަދަ ކަމެއް ހިނގާފައިވޭތޯ ބަލަނީ
13 މާރިޗު 2026
|
އދ. ދިގުރަށް، އެރަށުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން އިންސާނީ ހައްގެއް ގެއްލޭފަދަ ކަމެއް ހިނގާފައިވޭތޯ އެޗްއާރްސީއެމްއިން އަންނަނީ ބަލަމުން. ފޮޓޯ؛ ސަން
އެންމެ މަޤްބޫލު
އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މި ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ ބަލަމުން އަންނަކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) އިން ބުނެފި އެވެ.
ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގައި ދިރިއުޅޭ ފަސް މީހަކު ވަނީ ނިޔާވެފަ އެވެ.
މިކަމާ ގުޅިގެން އެޗްއާރްސީއެމްއިން ވަނި ދިގުރަށުގައި ރޭ ހިނގާ ދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާފަ އެވެ. އަދި މި ހާދިސާގައި އަނިޔާވި މީހުންގެ ހާލަތު ބަލަމުން އަންނަ ކަމަށާއި އަދި މި ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ ބަލަމުން އަންނަކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ އެ ހާދިސާގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.
މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ މާލެ ގެނެސްފަ އެވެ.
އަދި މި ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާ މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭ ކަމަަށް ފުލުހުން ބުންޏެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 2:00 އެހައިކަންހާއިރު އެވެ.