ENGLISH
28 ފެބްރުއަރީ 2026
ފޯޅަވަހީގެ މައްސަލާގައި ރާއްޖެ ފަހަތަށް ޖެހޭކަށް ނުޖެހޭ: ނަޝީދު
28 ފެބްރުއަރީ 2026
|
ރައީސް ނަޝީދު. ފޯޅަވަހި ހޯދުމުގައި ރާއްޖެ ފަހަތަށް ޖެހެން ނުޖެހޭކަމަށް ވިދާޅުވި. ފޮޓޯ؛ މަޖިލިސް
އެންމެ މަޤްބޫލު
ރާއްޖެ އިން ފޯޅަވަހި ހޯދުމުގެ މަސައްކަތް ވަރުގަދަ ކޮށްފައިވާ މި ދަނޑިވަޅުގައި މޮރިޝަސްއިން ރާއްޖެއާ އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލިޔަސް ރާއްޖެއިން ފަހަތަށް ޖެހެން ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޗާގޯސް މައްސަލައިގައި މޮރިޝަސްއާ އެކު ރާއްޖެ އިން ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި ރާއްޖެއިން ފަހަތަށް ޖެހެން ނުޖެހޭކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ މައްޗަށް ރާއްޖެއިން ކުރަމުންދާ ސިޔާދަތީ ދައުވާގެ ބާރު ބައިނަލްއަގުވާމީ މަސްރަހުގައި އިތުރުވެ، އިނގިރޭސިވިލާތުގެ ސިޔާސީ ލީޑަރުންގެ ފަރާތުން ރާއްޖެއަށް ތާއީދު ލިބެން ފެށުމާއެކު މޮރިޝަސްއިން ރާއްޖެއާ އޮތް ޑިޕްލޮމެޓިކް ގުޅުން ވަނީ ކަނޑާލާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ރާއްޖެއާއި ފޯޅަވަހީގެ މެދުގައި އޮތް ގުޅުންތައް ފާހަގަކުރައްވައި އެ ސަރަހައްދުގެ މައްޗަށް ރާއްޖެއަށް ސިޔާދީ ހައްގު އޮތްކަމަށް ދިވެހި ސަރުކާރުން ދެކޭކަން އިނގިރޭސި ސަރުކާރަށް އަންގަވާފައެވެ.
އިނގިރޭސިވިލާތުގައި މިހާރު އެންމެ ހަލުއިކޮށް ފުޅާވަމުންދާ ސިޔާސީ ޕާޓީކަމަށްވާ ރިފޯމް ޔޫކޭގެ ލީޑަރު ނައިޖަލް ފަރާޖު ބަރުލަމާނުގައި އެ މައްސަލާގައި ދެއްކެވި ވާހަކަފުޅުގައި ފޯޅަވަހީގެ މައްޗަށް ރާއްޖެއިން ކުރާ ދައުވާއަށް ތާއީދުކުރައްވައި، މޮރިޝަސްއަށްވުރެ އެ ސަރަހައްދު ލިބުމުގެ ހައްގުކަން ބޮޑީ ރާއްޖެއަށް ކަަމަށް ވަނީ ވިދާޅުވެފަ އެވެ.
މިކަމާ ގުޅިގެން މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން އިއްޔެ ނެރުނު އެ ގައުމުގެ ކެބިނެޓުގެ ނިންމުންތަކުގެ ތެރޭގައި ރާއްޖެއާ އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑައިލުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައި ވެއެވެ. އެގޮތަށް ނިންމީ ފޯޅަވަހީގެ މައްޗަށް އެ ގައުމުގެ ސިޔާދަތީ މިލްކުވެރިކަން އޮންނާނެކަމަށް ރާއްޖެއިން ނުދެކޭކަން އިނގިރޭސި ސަރުކާރަށް އެނގުމާ ގުޅިގެންކަމަށް އެ ލިޔުމުގައި ބުނެފައި ވެއެވެ.
ރާއްޖެއިން ފޯޅަވަހީގެ މައްޗަށް ކުރާ ސިޔާދަތީ ދައުވާއަކީ ގާނޫނީ ގޮތުންނާއި ތާރީހީ ގޮތުންނާއި ވާގިއީ ގޮތުން މޮރިޝަސްގެ ދައުވާއަށްވުރެ ވަރުގަދަ ދައުވާއަކަށްވުމުގެ ފުރުސަތު ބޮޑުވެފައިވަނިކޮށް އެ ގައުުމުން ރާއްޖެއާ އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑައިލުމަކީ ސަރުކާރުން ފޯޅަވަހި ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަކީ ސީރިއަސް މަސައްކަތެއްކަން އެ ގައުމުން ގަބޫލުކޮށްފަައިވާކަމަށް ދަލީލުކުރާ ކަމެކެވެ.
މޮރިޝަސްގެ މި ނިންމުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ރަސްމީ ސިފައެއްގައި އަދި ވަކި އެއްޗެއް ނުބުނެ އެވެ.