ENGLISH
28 ފެބްރުއަރީ 2026
ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ 98 އިންސައްތަ މަސައްކަތް ނިންމާލައިފި
28 ފެބްރުއަރީ 2026
|
ލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ؛އެމްއޭސީއެލް
އެންމެ މަޤްބޫލު
ތ. ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ 98 އިންސައްތަ މަސައްކަތް ނިންމާލާފައިވާ ކަމަށް އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކުރާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާހުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެވެ. އަދި ވިލުފުށީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.
މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކޮށް އެމްއޭސީއެލްއިން ބުނީ މި މަޝްރޫއުގެ ތެރެއިން ޖުމުލަ 81 ހެކްޓަރުގެ ބިން ހިއްކަންޖެހޭއިރު، ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ ތެރެއިން 79 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައި ނިންމާފައިކަމަށެވެ. އެއީ މުޅި މަސައްކަތުގެ 98 އިންސައްތަ ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.
މި މަސައްކަތް ކުރަނީ ކެޕޭސީޓީގައި 11،300 ކިއުބިކް މީޓަރ ހުރި ފިލިއްޕޯ ބްރޫނެލްޝީ ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެން ނެވެ.
ވިލިފުށީގައި އެއާޕޯޓެއް ތަރައްގީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. މި އެއާޕޯޓަކީ 1،800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްގީކުރާ އެއާޕޯޓެކެވެ.
އެއާޕޯޓުގެ ހުރިހާ މަސައްކަތެއް 30 މަސްދުވަސް ނުވަތަ ދެ އަހަރާއި ބައިގެ ތެރޭގައި ނިންމައި ހުޅުވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ނެވެ.