ENGLISH
28 ފެބްރުއަރީ 2026
އެމްޑީޕީއަށް އިންތިހާބުތައް އެއް ދުވަހެއްގައި ނުބޭއްވުނީ އެ ޕާޓީއަށް ރައްޔިތުންގެ ތާއީދު ގެއްލުމުން: މެމްބަރު އިބްރާހީމް ހުސެއިން
28 ފެބްރުއަރީ 2026
|
ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސެއިން. ފޮޓޯ؛ މަޖިލިސް
އެންމެ މަޤްބޫލު
މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އިދިކޮޅު އެމްޑީޕީން ވެސް ކުރަން ބޭނުންވިކަމެއް ކަމަށާއި އެކަން އެމްޑީޕީއަށް ނުކުރެވުނީ އެ ޕާޓީއަށް ރައްޔިތުންގެ ތާއީދު ގެއްލުމުން ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސެއިން ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ރާއްޖެ" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން މެމްބަރު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވައި އެމްޑީޕީގެ ލީޑަރޝިޕުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދައްކަވާފައިވާ ވާހަކަފުޅުތައް އަދިވެސް މީޑިއާގައި ހުންނާނެ ކަމަށެވެ.
އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީން ވެސް އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރި ކަމަށާއި މިއަދު އެކަމާ ދެކޮޅަށް ވާހަކަ ދައްކަނީ ރައްޔިތުންނަށް ހެވެއް އެދިގެން ނޫންކަމަށާއި، އެއީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށް މެމްބަރު ވިދާޅުވި އެވެ. ރައީސް ސޯލިހުގެ ސަރުކާރުގައި އިންތިހާބުތައް އެއްކޮށްލުމުގެ މަސައްކަތް ފެށި ނަމަވެސް އެކަން ހުއްޓާލީ، އޭރުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވުމުންކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.
"އެ މަސައްކަތް އެމްޑީޕީން ފަށާފަައި ހުއްޓާލީ ކީއްވެގެންތޯ ސުވާލުކޮށްލަންޖެހޭ. އެއިރުގައި ރައްޔިތުންގެ ތާއީދު ނެތީމަ އެބޭފުޅުން ބޭނުން ނުވީ އެކަން ކުރަން. އޭރު ރައްޔިތުން އެ ވެރިކަންދެކެ ފޫހިވެއްޖެ. ރައްޔިތުންގެ ސަޕޯޓެއް ނެތް. މީޑިއާތަކުގައި އެބަހުރި އެމްޑީޕީއާ ދެކޮޅަށް ކަންކަން ކުރެވިގެންދިޔަ މަންޒަރު. ތާއީދު ނެތުމުން ދެ ވޯޓު އެއް ދުވަހެއް ބޭއްވުމަށް ނުނިންމީކަމަށް އަޅުގަނޑު ގަބޫލުކުރަނީ." - ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސެއިން
މެމްބަރު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާނީތޯ ނުވަތަ ނޫންތޯ ނިންމާނީ ރައްޔިތުން ކަމަށެވެ. އަދި ވޯޓުގައި ރައްޔިތުން ގައުމަށް އެންމެ ފައިދާހުރި ގޮތަށް ނިންމުން ނިންމާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް މެމްބަރު ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ، "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އަށް ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިހާރު ވަނީ ނިންމަވާފަ އެވެ.
މި ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި ސުވާލެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކަނޑައަޅައިފައިވާ ތާރީހަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާ އަންނަ އޭޕްރީލު މަހުގެ ހަތަރެއް ވާ ހޮނިހިރު ދުވަހެވެ.