ENGLISH

28 ފެބްރުއަރީ 2026

Advertisement

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ސަރުކާރަކުން ނުކުރާހާ މަސައްކަތް މި ދޮޅު އަހަރު ކޮށްފި: ޝިޔާމް

28 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވަނީ -- ފޮޓޯ؛ ރައީސް އޮފީސް

ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މީގެ ކުރީގެ އެއްވެެސް ސަރުކާރަކުން ނުކުރާހާ ގިނަ މަސައްކަތްތައް މި ސަރުކާރަށް މިވީ ދޮޅު އަހަގެ ތެރޭގައި ކޮށްފައިވާ ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. 

ޝިޔާމް މިފަދައިން ވިދާޅުވީ ކުޅުދުއްފުށީ ސިޓީގެ މާލެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ. 

ޝިޔާމު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެކޭ އެއްގޮތަށް ކުޅުދުއްފުއްޓަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށެވެ. އެ ސިޓީގެ 47 އިންސައްތަ ހިއްސާކުރަނީ ޒުވާނުންކަން ފާހަގަކުރައްވަމުން ޝިޔާމް ވަނީ ޒުވާން އާބާދީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ މިންވަރު ބޮޑު ކަމަށެވެ.

ނަމަވެސް މީގެ ކުރީގެ ސަރުކާރުތަކުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެސްދީފައި ނުވާކަމަށް ޝިޔާމް ވިދާޅުވި އެވެ. 

ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމަށްޓަކައި އަތޮޅުތެރޭގައި ސަރުކާރުން އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ ބޮޑު ބައެއް އިމާރާތް ކުރެވިގެންދާނީ ކުޅުދުއްފުށި ސިޓީގައިކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ އެކަން ރައީސުލްޖުމްހޫރިއްޔާ ހަގީގަތަކަށް ހައްދަވާނެކަމަށެވެ. އެކަން ހަގީގަތަކަށް ވުމުން ކުޅުދުއްފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލު ލިބިގެންދާނޭކަން ޝިޔާމް ފާހަގަކުރެއްވި އެވެ. 

ޝިޔާމުގެ ވާހަކަފުޅުގައި މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވި އެވެ. 

"ފޭސް ތިނެއް، ބައެއް ބޭފުޅުން ނުވާނެއޭ ނުހިއްކޭނެއޭ ގޮވަ ގޮވާ ތިއްބާ އެ ހިއްކާ ނިންމެވީ. ރަސްމާލެ އަދި ގުޅީ ފަޅު އެ ނިންމަވަނީ. މީގެ ކުރީގެ އެއްވެސް ދައުރަކު ބިން ހިއްކައި މައްސަލައަށް ހައްލު ގެންނަން ކުރެވުނު މަސައްކަތަށް ވުރެ މި ސަރުކާރުގެ ދޮޅު އަހަރު ކުރެވުނު މަސައްކަތްތައް ގިނަ. " - ޕީއެންސީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލެއް ލިބޭނެ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ކުރިއަށްގެންދަވާ ރަސްމާލޭ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި އެބަ ކުރިއަށް ދެ އެވެ. 

ކޮންގްރެސް ޕާޓީގެ "ދިވެހީންގެ ރާއްޖެ ތަރާވީސް" ގައި ރައީސް ވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ އަދާހަމަ ހިއްސާ ކުރައްވާފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ރަސްމާލެއިން 385 ހެކްޓަރުގެ ބިން ހިއްކާ ވަނީ ނިމިފަ އެވެ. އެއީ ހުޅުމާލެ ދެ ފިޔަވައްސާ އެއްވަރުގެ ބިން ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަމާޒަކީ އޭޕްރީލްގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމުމެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް ނިންމާ އެކަން އިއުލާނު ކުރައްވާފަ އެވެ.

ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެގޮތުގައި ތަރައްޤީކުރާ ރަސްމާލެ ތަރައްޤީކުރުމަށް 1،009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު