ENGLISH

20 ޖެނުއަރީ 2026

Advertisement

ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތު: ދެ ކުންފުންޏަކާއި ދެ ޑޮކްޓަރަކަށް ދަޢުވާކޮށްދޭން އެދިއްޖެ

20 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ޑރ. އިކްލީލް ޝަރީފް އަދި ޑރ. ޢަލީ ޢަބްދުﷲ ލަޠީފު

ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން އެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީ.ސީ.އާރ ޓެސްޓިންގގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުނި ކަމުގައިވާ ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުން ޓެކުހަށް މަކަރު ހަދައިފައިވާކަމަށް ތުހުމަތުކުރެވޭތީ މި މައްސަލަ ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މީރާ އިން ހުށަހަޅައިފި އެވެ.

މީރާއިން ބުނީ މި މައްސަލައަކީ، ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން ޕީ.ސީ.އާރ ޓެސްޓިންގގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު މި ޚިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތްތަކެއް ކަމަށް ފާހަގަކުރެވިފައި ވީނަމަވެސް، އެ ފަރާތްތަކުން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާކަމަށް ފާހަގަކުރެވިގެން މީރާއިން ތަހުގީގުކުރަން ފަށައިފައިވާ މައްސަލައެކެވެ.

ޓެކްސް އަހަރު 2020، 2021 އަދި 2022ވަނަ އަހަރުގައި، ޕީ.ސީ.އާރ ޓެސްޓިންގގެ އިތުރުން އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުންގެންދާ "ޕާލް މެޑިކަލް ސެންޓަރ" ކްލިނިކު މެދުވެރިކޮށް އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދީފައި ވީނަމަވެސް، މި ޚިދުމަތްތަކުން ލިބިފައިވާ ފުރިހަމަ އާމްދަނީ ވެސް މީރާއަށް ރިޕޯޓުކޮށްފައިނުވާކަން މީރާގެ ތަހުގީގުގައި ވަނީ ހޯދިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަކީ ޕީ.ސީ.އާރ ޓެސްޓިންގ ޚިދުމަތް އެންމެ އަވަހަށް ފެށި އެއް ފަރާތްކަމާއި 2020 އަދި 2021ވަނަ އަހަރު އާންމު ފަރާތްތަކުގެ އިތުރުން ޓޫރިސްޓް ފެސިލިޓީތަކަށް މި ޚިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީފައިވީނަމަވެސް، މި ޚިދުމަތުން ލިބިފައިވާ އެންމެހައި އާމްދަނީ މީރާއަށް ހުށަހަޅައިފައިވާ މާލީ ހިސާބުތައް އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ހިމަނައިފައިނުވާކަން މީރާގެ ތަހުގީގަށް ހޯދިފައިވެއެވެ. އަދި މި ޚިދުމަތް ފޯރުކޮށްދީގެން ޓެކްސް އަހަރު 2021އަށް ލިބިފައިވާ އާދަޔާޚިލާފު ބޮޑު އާމްދަނީއާ ގުޅިގެން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު ދަށްކުރުމުގެ  ނިޔަތުގައި މި އަހަރުގެ މާލީ ހިސާބުތަކުގައި 'ކޮސްޓް އޮފް ސޭލްސް' އަދި އިދާރީ ޚަރަދުގެ ގޮތުގައި ސައްހަ ނޫން އަދަދުތަކެއް އުނިކޮށްފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައިވާ ކަމަށް މީރާއިން ބުންޏެވެ.

މި ގޮތުން، ޓެކްސް އަހަރު 2020، 2021 އަދި 2022 އަށް، އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް އިން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 31.9 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ އަދި ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޓެކްސް އަހަރު 2020 އަދި 2021އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 102.7 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ ހިމަނަފައިނުވާކަން ވަނީ ފާހަގަކުރެވިފަ އެވެ. އަދި މި ތަހުގީގާ ގުޅިގެން މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖުމުލަ 4.3 މިލިއަން ރުފިޔާ އަދި ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އަންގައިފައިވެ އެވެ.

މި މައްސަލައިގައި މި ދެ ކުންފުނީގެ އިތުރުން، މައްސަލައިގައި އިސްކޮށް އުޅެފައިވާކަމަށް ފާހަގަކުރެވިފައިވާ، ދެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޑރ. އިކްލީލް ޝަރީފް، އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއްކަމުގައިވާ ޑރ. ޢަލީ ޢަބްދުﷲ ލަޠީފުގެ މައްޗަށް ދައުވާކޮށްދިނުމަށް މީރާއިން އެދިފައިވެ އެވެ. އަދި މީގެ އިތުރުން އެނގިހުރެ ސައްހަނޫން މައުލޫމާތުހިމެނޭ މާލީ ހިސާބު އަދި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާކަމުގެ ތުހުމަތުގައި މި މުއްދަތުތަކަށް މި ދެ ކުންފުނީގެ މާލީހިސާބާއި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާ، ޢަލީ ފަޔާޟްގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް މީރާއިން އެދިފައިވެ އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެ ފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ. ޓެކުހާ ގުޅޭ މި ފަދަ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ފާހަގަކުރެވޭ ފަރާތްތަކާމެދު ޢަމަލުކުރާނޭ ގޮތް އެކަށައެޅުމަށްޓަކައި އެކުލަވައިލައިފައިވާ މީރާގެ "ޓެކްސް ކްރައިމް މިޓިގޭޝަން ސްޓްރެޓެޖީ"އާ އެއްގޮތަށް އެ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމަށް މީރާއިން ވަނީ ފާހަގަކޮށްފަ އެވެ.

އެއްވެސް ފަރާތަކުން ޓެކުހާ ގުޅޭ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ޝައްކު ކުރެވޭނަމަ އެ މައުލޫމާތު މީރާއާ ހިއްސާކުރެއްވުމަށް "މީރާ 918 – މައްސަލަ ހުށަހަޅާ ފޯމު" މީރާގެ ވެބްސައިޓްގައިވާ "ވިސުލް ބްލޯވިންގ" ފަންކްޝަން މެދުވެރިކޮށް ހުށަހެޅުމަށް މީރާއިން ވަނީ އިލްތިމާސް ކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު