ENGLISH

20 ޖެނުއަރީ 2026

Advertisement

ފަތުރުވެރިކަމުގެ ބޮޑެތި މަންޒިލްތަކާ ވާދަކޮށް، ރާއްޖެއިން ޓްރިޕްއެޑްވައިޒާގެ ލިސްޓުގެ ކުރީގައި

20 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

ފަތުރުވެރިކަމުގެ ސިނާޢަތުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަންސަކަމަށްވާ ޓްރިޕްއެޑްވައިޒާގެ ބޭނުންކުރާ ފަތުރުވެރިންގެ ވޯޓުން ކޮންމެ އަހަރަކުވެސް ނެރޭ ދުނިޔޭގެ "ބެސްޓް އޮފް ދި ބެސްޓް" ލިސްޓުގެ އިސް ސަފުގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ. 

މި ލިސްޓުގައި ރާއްޖެ ހިމެނިފައިވަނީ، ޓްރިޕްއެޑްވައިޒާގެ 8 މިލިއަން ލިސްޓިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ 1  އިންސައްތައިގެ ތެރޭގައި ހިމެނިގެންނެވެ.

ވިޒިޓް މޯލްޑިވްސް އިން އާއްމުކުރި ބަޔާނުގައި ބުނީ، މި ރޭންކިންތައް ކަނޑައަޅަނީ ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ފަތުރުވެރިން ދީފައިވާ ރިވިއުތަކުގެ ފެންވަރަށާއި އަދަދަށް ބަލައިގެން ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ފަތުރުވެރިންނަށް ހިތްހަމަޖެހޭ ރަނގަޅު ހިދުމަތްތަކާއި ތަޖުރިބާތަކެއް ފޯރުކޮށްދޭ މަންޒިލްތައް ފާހަގަކޮށް އަގުވަޒަންކުރުންކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. 

ޓްރިޕްއެޑްވައިޒާގެ މިއަހަރުގެ ދުނިޔޭގެ ރޭންކިންގައި، ރާއްޖެއިން ވަނީ ފަތުރުވެރިކަމުގެ ގޮތުން ނަން މަޝްހޫރު ބޮޑެތި މަންޒިލްތަކާ ވާދަކޮށް ދެކުނު ކޮރެއާގެ ސޯލް، ހަނގަރީގެ ބުޑަޕެސްޓް، އަދި އެކުވެރި އަރަބި އިމާރާތުގެ ވެރިކަށް އަބޫދާބީ ފަހަތަށް ޖައްސާލާ، ލިސްޓުން ޖާގަ ހޯދާފައެވެ.

މަންޒިލްތަކުގެ ޖުމްލަ ރޭންކިންގެ އިތުރުން، ދުނިޔޭގެ "ބެސްޓް ހަނީމޫން ޑެސްޓިނޭޝަން" ކެޓަގަރީގެ ތިންވަނަ މަގާމުވެސް ރާއްޖެއަށް ވަނީ ލިބިފައެވެ. ފަތުރުވެރިންގެ ފަރާތުން ލިބިފައިވާ އިތުބާރު ހުރި ހިޔާލުތަކަށް ބިނާކޮށް ލިބުނު މި ފާހަގަކޮށްލެވޭ ކުރިއެރުމުން، ލަގްޒަރީ އަދި ހަނީމޫން މަންޒިލެއްގެ ގޮތުގައި ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރާއި މަގުބޫލުކަން ވަނީ ހާމަވެފައިވާކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ. 

ޓްރިޕްއެޑްވައިޒާގެ "ޓްރެވަލާސް ޗޮއިސް ބެސްޓް އޮފް ދަ ބެސްޓް" އެވޯޑް ދިވެހިރާއްޖެއަށް ލިބުނުއިރު، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަން ފާހަގަކުރެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް އަންނަނީ ލިބެމުންނެވެ. އެގޮތުން، 2025 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން"ގެ ޝަރަފު ޖެހިޖެހިގެން ހަވަނަ އަހަރު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. މިއީ ދުނިޔޭގެ ރެކޯޑެއްގެ ގޮތުގައި ފާހަގަކުރެވޭ ކާމިޔާބީއެކެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަކީ ނަމޫނާ ގައުމެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިތުރުން، "ކޮންޑޭ ނާސްޓް ޓްރެވަލާ" އިން ދޭ އެކި އެވޯޑްތަކާއި، ޝަރަފުވެރި "މިޝެލިން ކީ" ގެ ލަގަބުތައް ވެސް ރާއްޖޭގެ ގިނަ ރިސޯޓުތަކަކުން ވަނީ ހޯދާފައެވެ. މިއީ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކަށް އިތުރުވެ، ރާއްޖެއަށް ފަތުރުވެރިންގެ މެދުގައި އޮތް މަގުބޫލުކަމާއި އިތުބާރު ދެމެހެއްޓުމަށް މުހިންމު ކާމިޔާބީތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު