ENGLISH
20 ޖެނުއަރީ 2026
މެދުއިރުމަތީގައި ސުލްޙަ ގާއިމުކުރުމަށް ސައުދީން ކުރާ މަސައްކަތްތަކަށް ރާއްޖޭގެ ތައުރީފް
20 ޖެނުއަރީ 2026
|
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ޝޫރާ ކައުންސިލްގެ ރައީސާ ބައްދަލުކުރެއްވުން// ފޮޓޯ؛މަޖިލިސް
ސަޢޫދީ ޢަރަބިއްޔާއިން މެދުއިރުމަތީގެ ސުލްޙައާއި އަމާންކަމާއި ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ތަޢުރީފު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ މިކަން ހާމަކުރެއްވީ، ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ޝޫރާ ކައުންސިލްގެ ރައީސް، ޑރ. ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އަލްޝައިޚްގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ދީނީ، ސަގާފީ، އަދި ތާރީޚީ ގޮތުން ބިނާވެފައިވާ ވަރުގަދަ ގުޅުމުގެ މައްޗައް އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަޢޫދީ ޢަރަބިއްޔާއިން ދެމުންގެންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، ޚާއްޞަކޮށް ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) މެދުވެރިކޮށް ބޯހިޔާވަހިކަމާއި ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގައި އަދާކުރި މުހިންމު ދައުރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހާއި ޝޫރާ ކައުންސިލާ ދެމެދު އަބަދުވެސް އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ސަޢޫދީ ޢަރަބިއްޔާއިން މެދުއިރުމަތީގެ ސުލްޙައާއި އަމާންކަމާއި ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނާ އެކުގައިކަމަށް ވިދާޅުވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކޮށް، ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކަށް އެހީތެރިވުމުގައި ސަޢޫދީ ޢަރަބިއްޔާއިން ކުރައްވަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން، ދިވެހިރާއްޖެއިން ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ސަޢޫދީ ސަރުކާރުން އެކަމުގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖައްސައިދީފައިވާ ކަމަށްޓަކައި ޝުކުރުއަދާކުރައްވައި، ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގައި އިތުރު ލުއިފަސޭހަތައް ލިބޭނެ ކަމަށް އުންމީދުކުރައްވާކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމަވައިލައްވަމުން، ޝޫރާ ކައުންސިލުން އެ މަނިކުފާނަށާއި ވަފުދުގެ ބޭފުޅުންނަށް އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރައްވައި، ޝޫރާ ކައުންސިލްގެ ރައީސް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވުމުގެ ދަޢުވަތު މަޖިލީހުގެ ރައީސް ދެއްވިއެވެ.