ENGLISH

20 ޖެނުއަރީ 2026

Advertisement

ވިޒިޓް މޯލްޑިވްސްއިން ކަނޑުއަޑީގެ ރެކޯޑެއް ގާއިމުކުރުމުގެ ބޮޑު ހަރަކާތެއް ބާއްވަނީ

20 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

ވިޒިޓް މޯލްޑިވްސްއިން ކަނޑުއަޑީގެ ރެކޯޑެއް ގާއިމުކުރުމުގެ ބޮޑު ހަރަކާތެއް އިއުލާނުކޮށްފި އެވެ. 

ވިޒިޓް މޯލްޑިވްސް އިން މިއަހަރު ބާއްވާ އެ ހަރަކާތަކީ "އެކްރޮސް މޯލްޑިވްސް 2026" އެވެ. 

ވިޒިޓް މޯލްޑިވްސްއިން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ، ދިވެހި ޑައިވަރު ޝަފްރާޒް ނައީމްއާ ގުޅިގެން 23 ޖެނުއަރީ 2026 ގައި ފަށާ މި ހަރަކާތުގައި ތިން އަތޮޅަކަށް ކަނޑުއަޑިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ވިޒިޓް މޯލްޑިވްސްއިން ބުނީ، ގާތްގަނޑަކަށް 15 ދުވަހުގެ މުއްދަތަށް ދެމިގެންދާ މި ދަތުރުގައި 450 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއެއް ކަނޑުއަޑިން ކަޑަތުކުރާނެ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި 55 ފަހަރު ފީނައި، 'ޑައިވަރ ޕްރޮޕަލްޝަން ވެހިކަލް' (ޑީޕީވީ) ބޭނުންކޮށްގެން 90 ގަޑިއިރަށްވުރެ ގިނަ ވަގުތު ކަނޑުއަޑީގައި ހޭދަކުރާނެއެވެ.

މި ހަރަކާތުގައި ގާއިމްކުރުމަށް މަސައްކަތްކުރާނެ ރެކޯޑްތަކަކ، ޑީޕީވީ ބޭނުންކޮށްގެން އެއްފަހަރު ފީނައިގެން ކަނޑުގެ ސަރަހައްދެއްގައި އެންމެ ދުރަށް ދަތުރުކުރުމުގެ ރެކޯޑާއި އެއް މަސްދުވަހުގެ ތެރޭގައި ޑީ.ޕީ.ވީ ބޭނުންކޮށްގެން އެންމެ ދިގު ރާސްތާއަކަށް ދަތުރުކުރުމުގެ ރެކޯޑެވެ. 

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، އެޑްވެންޗަރ ޓޫރިޒަމްގެ ތެރެއިން ރާއްޖެއަކީ "ކަނޑުގެ ގައުމެއް" ގޮތުގައި ދުނިޔެއަށް ދައްކުވައިދީ، ކަނޑުއަޑީގެ ހަރަކާތްތަކާއި ތަފާތު ތަޖުރިބާތައް ކުރަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްކަން އިޝްތިހާރުކުރުންކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ. 

މި ދަތުރުގެ ސަބަބުން ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކާއި، ތަފާތު ދިރުންތަކުން މުއްސަނދިވެފައިވާ މާހައުލުތަކުގެ އިތުރުން، ދިވެހިންނާއި ކަނޑާއި އޮތް މުހިންމުކަމާއި ސަގާފީ ގުޅުން ފެނިގެންދާނެއެވެ. 

މި ދަތުރުގެ ތެރެއިން ޕާޓްނަރުންނާއި ރަށު ކައުންސިލްތަކުގެ ހެޔޮ އެދުންތަކާ އެކު، ބައެއް ރަށްރަށުގައި ޑައިވަރ ޝަފްރާޒް މަޑުކޮށް، ރަށްރަށަށް ކުރާ ޒިޔާރަތްތަކުގެ ޚާއްޞަ ފޮޓޯއާއި ވީޑިއޯގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅާ ތަފާތު ވާހަކަތަކާއެކު ދުނިޔެއަށް ފެންނާނެހެން ޑޮކިއުމަންޓް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ ސަބަބުން ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ބައިނަލްއަޤްވާމީ ފެންވަރުގައި ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ. 

"އެކްރޮސް މޯލްޑިވްސް 2026" އަކީ ވިޒިޓް މޯލްޑިވްސް އާއި ޝަފްރާޒް ނައީމް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި މަޝްރޫޢުގެ ޓެކް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖެހިފައިވާއިރު، އެއަރލައިން ޕާޓްނަރަކީ ބިޔޯންޑް އެއަރލައިންސެވެ.

ކިޔުންތެރިންގެ ހިޔާލު