ENGLISH
20 ޖެނުއަރީ 2026
ދިރާސީ އަހަރު ފެށުމުގެ ކުރިން މާލެ ސަރަހައްދުގެ ސުކޫލުތައް އޭސީކޮށް ނިމޭނެ: ފެނަކަ
20 ޖެނުއަރީ 2026
|
ކޫލް ސްކޫލް ޕްރޮޖެކްޓުގެ ތެރެއިން އެންމެ ފުރަތަމަ އޭސީ ކުރި މާފުށި ސުކޫލު ދަރިވަރުންތަކެއް.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، ގްރޭޓަރ މާލޭ ސަރަހައްދުގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައިވާ ފެނަކަ ކުންފުނިން ބުނެފިއެެވެ.
ފެނައިކައިން ނެރުނު ބަޔާނުގައި ވަނީ ސަރުކާރު ސްކޫލުތައް އޭސީ ކުރުމަށް ކުރިއަށް ގެންދާ 'ކޫލް ސްކޫލް' މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާކަން ހާމަކޮށްފައެވެ.
ރާއްޖޭގެ ހުރިހާ ސްކޫލަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށް ދަނީ ގްރޭޓަރ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތްކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެގޮތުން، ގްރޭޓަރ މާލޭ ސަރަހައްދުގައި ހިމެނޭ ސްކޫލުތަކުގެ ތެރެއިން މިހާތަނަށް 75 އިންސައްތަ ސްކޫލެއްގައި އިންޑޯ އޭސީ ޔުނިޓް އިންސްޓޯލު ކުރެވިފައިވާކަމަށް ކުންފުނީގެ ބަޔާނުގައިވެއެވެ.
ފެނަކައިން ބުނީ އެ ކުންފުނީގެ އަމާޒަކީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، ގްރޭޓަރ މާލޭ ސަރަހައްދުގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމާލުންކަމަށެވެ.
ކޫލް ސްކޫލް މަޝްރޫޢަކީ ދަރިވަރުން ކުލާހުގައި ކިޔަވަން ތިބޭ ވަގުތުތަކުގައި އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ތަޢުލީމީ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ކޫލް ސްކޫލް ޕްރޮޖެކްޓް އިފްތިތާޙް ކުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ދެ ވަނަ ދުވަހުއެވެ. އެ ޕްރޮޖެކްޓް ދަށުން ފުރަތަމަ އޭސީ ކުރީ ކ. މާފުށީ ސްކޫލެވެ.