ENGLISH
20 ޖެނުއަރީ 2026
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: އިންޑިއާ ބަލިކޮށް، ރާއްޖޭން އެއްވަނަ މަގާމު ދަމަހައްޓައިފި
20 ޖެނުއަރީ 2026
|
އިންޑިއާ ކޮޅަށް ލަނޑުޖެހުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ފަހުމިނެޓް
ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި މިއަދު ކުޅުނު މެޗުގައި އިންޑިއާ 5-0 އިން ބަލިކޮށް، ރާއްޖޭން އެއްވަނަ މަގާމު ދަމަހައްޓައިފިއެވެ.
މި މުބާރާތުގައި ރާއްޖޭން ކުޅުނު ތިން މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ބަންގްލަދޭޝް އަތުން މޮޅުވީ 6-1 އިންނެވެ.
މިއަދުގެ މެޗަށް ނިކުތްއިރު ރާއްޖެ އަށް އޮތީ އެއްވަނަ މަގާމު ގެއްލިފައެވެ. އެއީ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު 4-4 އިން އެއްވަރުކޮށް، ޕާކިސްތާނުން ހަތަރު މެޗުން ހަތް ޕޮއިންޓް ހަމަކޮށްގެންނެވެ. އެހެންނަމަވެސް، އިންޑިއާ އަތުން ހޯދީ މޮޅާއެކު ރާއްޖޭން އަލުން އެއްވަނަ އަށް އެރީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައި، ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ.
ބެންކޮކްގެ ނޮންތަބުރީ އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރާއްޖޭން ލީޑުނެގީ 12 ވަނަ މިނެޓުގައި ކެޕްޓަން، މުޙައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ރާއްޖޭގެ އަމިއްލަ ހާފުތެރެއިން ޢަބްދުﷲ ޝާފިޢު (ޝާއްޕެ) ހިފައިގެންގޮސް، އިންޑިއާގެ އޭރިޔާތެރެއަށް ވަދެ، އިންމި އަށް ޖައްސާލި ޕާހަކުން ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ރާއްޖޭގެ ޝާއްޕެ އަށް ލީޑު ފުޅާކުރަން ރަނގަޅު ފުރުޞަތެއްލިބި ބޭނުންހިފޭގޮތްނުވިއިރު، އޭގެއިރުކޮޅެއްފަހުން، ޝާއްޕެ ވަނީ އަމިއްލަ ހާފުގެތެރެއިން ބޯޅަ ހިފައިގެންގޮސް އިންޑިއާގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލްގެތެރެއަށް ފޮނުވާލައިގެން ރާއްޖޭގެ ދެވަނަ ލަނޑުޖަހައިދީފައެވެ.
ރާއްޖޭގެ ލީޑު އިތުރަށް ފުޅާކޮށްދޭން އޭރިޔާތެރެއިން އަލީ ޝިޔާހު އަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު، މި ހާފުގެ ހަތަރުވަނަ މިނެޓުގައި ރާއްޖޭގެ ތިންވަނަ ލަނޑުޖެހީ އިންޑިއާގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ހުޒައިފަތު ރަޝީދު (ހުޒޭ) ހުސްކޮށްލާފަ ދިން ބޯޅައެއް ގޯލްގެތެރެއަށް ފޮނުވާލައިގެން އަލީ ޝަމާލް ޢަބްދުﷲ (ޝަންމު) އެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ރާއްޖޭގެ ހަތަރުވަނަ ލަނޑުޖަހައިދިނީ އިންމި އެވެ. މިއީ އިންޑިއާގެ ކުޅުންތެރިން ޕަވާޕްލޭއެއްގައި ކުރިއަށްޖެހި ތިބި ދަނޑިވަޅުގައި އޭގެ ފައިދާނަގައި އަމިއްލަ ހާފުގައި ހުރެ ފޮނުވާލި ބޯޅައަކުން އިންމި ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، މެޗުގެ އެންމެ ފަހު މިނެޓުގައި ރާއްޖޭގެ ފަސްވަނަ ލަނޑުޖެހީ ވެސް ޕަވާޕްލޭއެއްގައި އިންޑިއާގެ ކުޅުންތެރިން ކުރިއަށްޖެހި ތިބި ވަގުތު އޭގެ ފައިދާނަގައި، އަހުމަދު ހަމީދު (އައްމަޑޭ) އެވެ. އޭނާ މި ލަނޑުޖެހީ އަމިއްލަ ހާފުގެ ތެރޭގައި ރާއްޖޭގެ ޕެނަލްޓީއޭރިޔާ ކައިރިން ފޮނުވާލި ބޯޅައަކުންނެވެ.
މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމަކުން ވާދަކުރެއެވެ. އެއީ، ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއެވެ.
މި މުބާރާތުގައި ރާއްޖޭން ދެން ކުޅޭ މެޗުގައި ބުރާސްފަތި ދުވަހު ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ.