ENGLISH
17 ޖެނުއަރީ 2026
ޕޯޓަލް މެދުވެރިކޮށް ލޯކަލް ކައުންސިލު އިންތިހާބަށް ކުރިމަތިލާއިރު ސަމާލުވާންޖެހޭ ކަންކަން
17 ޖެނުއަރީ 2026
|
އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް
އަންނަ އޭޕްރީލު މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. މިއަދުން ފެށިގެން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހާ ހަމައަށް އެ ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް އިންތިހާބަށް ކުރިމަތިލެވޭނެއެވެ.
ކޮމިޝަނުންވަނީ އެ ޕޯޓަލް މެދުވެރިކޮށް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން ނޫސްވެރިންގެ ބައްދަލުވުމެއްގަައި ހިއްސާކޮށްފައެވެ. އެ ކޮމިޝަނުން ފާހަގަކުރި ގޮތުގައި ރަސްމީކޮށް އިންތިހާބަށް ކުރިމަތިލާން ހުޅުވައިލުމުގެ ކުރިންވެސް 1،500 އެއްހަައި މީހުންވަނީ އިންތިހާބަށް ކުރިމަތިލުމުގެ އިޖުރާއާތުތައް ފުރިހަމަކުރަން ފަށާފައެވެ. މި މަހުގެ ހަވަނަ ދުވަހުން ފެށިގެން ޕޯޓަލް އޮތީ ހުޅުވާލާފައެވެ. ކުރިމަތިލުމުގެ އިޖުރާއާތު ފުރިހަމަކުރެވޭނީ އިންތިހާބަށް ކުރިމަތިލާން ހުޅުވައިލުމުންނެވެ.
ޕޯޓަލްގެ ކަންކަން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެފައިވަނީ ކޮންމެ މީހަކުވެސް އެ ޕޯޓަލަށް ވަންނަންޖެހޭނީ އެމީހެއްގެ އަމިއްލަ އީ-ފާސް އެކައުންޓު ބޭނުންކޮށްގެން ކަމަށެވެ.
އީފާސް މެދުވެރިކޮށް ފޯމު ހުށަހަޅަން އެދުމުން، ކުރިމަތިލާން އެދެނީ އަމިއްލަ ގޮތުންތޯ ނުވަތަ ޕާޓީއެއްގެ ޓިކެޓުގައިތޯ ސާފުކުރަން ޕޯޓަލްއިން އެދޭނެއެވެ. އަމިއްލަ ގޮތުން ކުރިމަތިލާ ކެނޑިޑޭޓެއްނަމަ އޭނާއަށް ފަަންސާސް މީހެއްގެ ތާއީދު އޮތްކަން ބެލުމުގެ މަރުހަލާވެސް ކުރިއަށްގެންދާނީ ޕޯޓަލް މެދުވެރިކޮށްވެެ. ތާއީދުކުރާ މީހުންގެ އައިޑީ ކާޑު ނަންބަރާއި ފޯނު ނަންބަރު ޕޯޓަލަށް އެޅުމުން އެ މީހުންނަށް މެސެޖެއް ފޮނުވައިގެން އެމީހުންނަކީ ހަގީގަތުގައިވެސް ކުރިމަތިލާ މީހާއަށް ތާއީދުކުރާ ބައެއްކަން ކަށަވަރުކުރާނެއެވެ. ހަމައެހެންމެ ޕާޓީން ކުރިމަތިލާނަމަ، އެމީހަކު ކުރިމަތިލާ ޕާޓީގެ ކެނޑިޑޭޓަކީ އެމީހަކުކަން ޕޯޓަލް މެދުވެރިކޮށް ޕާޓީން ކަށަވަރުކުރާނެއެވެ.
އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް ޕޯޓަލް މެދުވެރިކޮށް އެމީހަކަށް ތާއީދުކުރާ ފަންސާސް މީހުންގެ ލިސްޓު ހަމަވަމުންދާ ތަންވެސް ބަލައިލެވޭނެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ އަންހެނުންގެ ގޮނޑިތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ފޯމު ފުރޭނީ އަންހެނެއްގެ އީފާސް ބޭނުންކޮށްގެން އެކަންޏެވެ. ފިރިހެނެއްގެ އީ-ފާސް މެދުވެރިކޮށް ވަދެ، އަންހެނުންނަށް ހާއްސަ އެއްވެސް މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ޕޯޓަލްގެ ތެރެއިން ނުލިބޭނެއެވެ.
ކުރިން ޕާޓީތަކުން ކުރިމަތިލާ ކެންޑިޑޭޓުން އެމީހުންނަކީ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓެއްކަން ކަށަވަރުކުރުމަށް ގަރާރެއް ހުށަހަޅަންޖެހުނު ނަމަވެސް ޕޯޓަލް މެދުވެރިކޮށް ޑިޖިޓަލްކޮށް ފޯމު ހުށަހެޅޭ ގޮތަށް ހަމަޖެހުމާ ގުޅިގެން އެގަރާރު މިހާރު ހުށަހަޅާކަށްނުޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ޕޯޓަލްއިން އެ މީހަކީ ޕާޓީގެ ކެންޑިޑޭޓުކަމަށް ޕާޓީއަކުން ބަލައިގަންނަ ހިސާބުން އޭނާގެ ފޯމު އިލެކްޝަންސްއަށް ބަލައިގަންނާނެއެވެ.
ޑިޖިޓަލް ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ޕޯޓަލް މެދުވެރިކޮށް އަޕްލޯޑްކުރެވޭނެއެވެ. ކުށުގެ ރެެކޯޑުގެ ގޮތުގައި ހުށަަހަޅަންޖެހޭނީ ޑިސެންބަރު މަހުން ފެށިގެން ފެބްރުއަރީ އެއްވަނަ ދުވަހާ ދެމެދުގައި ސާފުކޮށް ހޯދާފައިވާ ލިޔުންތަކެވެ.