ENGLISH
17 ޖެނުއަރީ 2026
ޕީއެންސީން ގައުމު ބިނާކުރާއިރު އެމްޑީޕީން ދަނީ ގައުމު ފަނާކުރަމުން: މެމްބަރު އިބްރާހީމް ޙުސައިން
17 ޖެނުއަރީ 2026
|
މެންބަރު އިބްރާހީމް ޙުސައިން އެމްއެމްޓީވީގެ ބޮޑު ހަބަރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަނީ// ފޮޓޯ؛އެމްއެމްޓީވީ
ސަރުކާރު ހިންގާ ޕީއެންސީން ގައުމު ބިނާ ކުރުމުގެ ވިސްނުމުގައި މަސައްކަތް ކުރަމުންދާއިރު، އިދިކޮޅު އެމްޑީޕީން އަބަދުވެސް އިސްކަންދެނީ ގައުމު ފަނާކުރުމުގެ ވިސްނުމަށްކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު އިބްރާހީމް ވިދާޅުވީ، ވެރިކަމަށް އައި އިރު އެމްޑީޕީން ކަންކަން ބައްޓަންކޮށްފައި އޮތީ މި ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭނެ ގޮތަކަށް ކަމަށެވެ. މިސާލެއްގެ ގޮތުން ބޯހިޔާވަހިކަން ނަންގަވައި މެމްބަރު ވިދާޅުވީ އެހެން ދާއިރާތަކެކޭ އެއްގޮތަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ވެސް ދާއިމީ ހައްލެއް ނުގެނެވިގެން އުޅެނީ އެމްޑީޕީ ސަރުކާރުތަކުން ގެންގުޅޭ ފަނާކުރަނިވި ވިސްނުމުގެ ސަބަބުން ކަމަށެވެ.
މީގެ ކުރިން ވެރިކަންތައް ބަދަލުވާއިރު ކުރީގެ ސަރުކާރަކުން ކުރަން ފަށާފައި ހުންނަ ކަންކަން ހުއްޓާލާކަމަށާއި، ނަމަވެސް ރައްޔިތުންގެ ކަމެއްގައި ނަމަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ކުލައަކަށް ނުވަތަ ފިކުރަކަށް ނުބައްލަވާ ކަމަށެވެ. އެގޮތުން ވައުދުފުޅާ އެއްގޮތަށް އެމްޑީޕީ ސަރުކާރުން ދޫކުރަން ނިންމާފައިވާ ގޯތިތަށް އެ ސަރުކާރުން ކަނޑައެޅި ލިސްޓާ އެއްގޮތަށް ދޫކުރެއްވިކަން މެމްބަރު ފާހަގަކުރެއްވިއެވެ.
މެމްބަރު މިފަދައިން ވިދާޅުވިއިރު، އެމްޑީޕީގެ ވެރިކަމުގައި ހުޅުމާލޭ ފަޅުން ގޯތި ދޫކުރި ނަމަވެސް އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ނުވެސް ފަށައެވެ. އެ މަސައްކަތް ފެށިގެންދިޔައީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި އެމްޑީޕީ ސަރުކާރުން ފަޅުތަކުން ދޫކޮށްފައިވާ ގޯތި އެ ރައްޔިތުންނަށް ދިނުމަށް ބިން ހިއްކެވުމަށް ފެއްޓެވި މަސައްކަތްޕުޅުގެ ތެރެއިންނެވެ. މި ގޯތިތައް ދިނުމަށްޓަކައި ހިއްކަންޖެހޭ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ 94 އިންސައްތަ މަސައްކަތް މިހާރުވަނީ ނިންމާލާފައެވެ.
އެމްޑީޕީން ގެންގުޅޭ ދެކޮޅު ނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ޕީއެންސީއަށް އަބަދުވެސް ޖެހެނީ ވެރިކަމަށް އައުމަށްފަހު އެކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރަންކަމަށާއި އެހެންނަމަވެސް އަލުން ވެރިކަން ލިބުނަސް އެމްޑީޕީން ދަނީ ރަނގަޅުކުރި ކަންކަން ގޯސްކުރަމުންކަމަށް މެމްބަރު ވިދާޅުވިއެވެ.
""އަޅުގަނޑުމެންގެ ސަރުކާރެއް އައުމަށް ފަހު އަޅުގަނޑުމެންނަށް މިޖެހެނީ އެމްޑީޕީން ކޮށްފައި ހުރި ކަންކަން ދެކޮޅުޖެހޭ ނިޒާމެއްގެ ތެރެއަށް ފައްތަން. މިކަންކަން އުސޫލުގެ ތެރެއަށް ފެއްތުމަށްފަހު އަޅުގަނޑުމެންނަށް ވެރިކަން ކުރަނ މި ލިބެނީ ފަސް އަހަރުގެ މުއްދަތެއް. މި ފަސް އަހަރުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ރަނގަޅުވެ ރައްޔިތުން އުފާ ފާގަތިކަމުގައި އުޅެން ފަށާއިރަށް ވެރިކަން ދަނީ އިދިކޮޅު ފަރާތްތަކަށް. އެހިސާބުން އަނެއްކާވެސް ކުރިން ކަންކަން ދަނީ އިހު އޮތްގޮތަށް. އަޅުގަނޑުމެންގެ ކަމަކީ ބިނާކުރުން. އެބޭފުޅުންގެ ކަމަކީ ފަނާކުރުން". " - ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން
މެމްބަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކަކީ ރައްޔިތުން ބޭނުންވާ ކަމެއް ކޮށްދިނުމުގެ ވިސްނުން ހުރި ބައެއް ނޫންކަމަށާއި އަބަދުވެސް އިދިކޮޅު ޕާޓީތައް ބޭނުންވަނީ ވެރިކަންކަމަށެވެ. ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަމަށް އަންނަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުން އައި ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ވިސްނުން ރައްޔިތުންނަށް މިހާރު އެނގޭކަމަށް މެމްބަރު ވިދާޅުވިއެވެ. ވުމާއެކު، އޮޅުވާލައިގެން ވެރިކަން ހޯދުމުގެ ވިސްނުން ދޫކޮށްލުމަށް މެމްބަރު ތަކުރާރުކޮށް ގޮވާލެއްވިއެވެ.