ENGLISH

25 ފެބްރުއަރީ 2026

Advertisement

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ އަންހެން ފުޓްސަލް ޓީމު އެކުލަވާލައިފި

07 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

ގައުމީ އަންހެން ފުޓްސަލް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން. --ފޮޓޯ: އެފްއޭއެމް

މި މަހު ތައިލެންޑްގައި ފަށާ "ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕް 2026" ގައި ވާދަކުރާ ރާއްޖޭގެ އަންހެން ފުޓްސަލް ޓީމުގެ ސްކޮޑު އެކުލަވާލައިފިއެވެ.

މި މަހުގެ 13 އިން 25 އަށް ތައިލެންޑްގެ ނޮންތަންބުރީގައި ބާއްވާ މުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އަންހެން ފުޓްސަލް ޓީމުގެ ފަރިތަކުރުންތައް ފަށާފައިވަނީ މިދިޔަ މަހު އެވެ. މި ފަހަރުގެ އަންހެން ފުޓްސަލް ޓީމުގައި ހިމެނެނީ 14 ކުޅުންތެރިންނެވެ. މީގެތެރެއިން، ބައެއް ކުޅުންތެރިން ވަނީ ދާދިފަހުން ކުޅެވުނު އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި ކުޅެފައެވެ.

މި މުބާރާތުގައި ވާދަކުރާ ގައުމީ އަންހެން ފުޓްސަލް ޓީމަށް އިރުޝާދު ދޭނީ، އާތިފް މުޙައްމަދު (އާތީ) އެވެ. އޭނާއާއެކު އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ފެނިގެންދަނީ، އިހުސާން ސައީދު (ލިއުބީ) އެވެ. ގޯލްކީޕަރު ކޯޗަކަށް އިބްރާހިމް އަހުމަދު ހަމަޖައްސާފައިވާއިރު، މެނޭޖަރަކީ އައިމިނަތު ސިޔާނާ އެވެ.

ލީގު އުސޫލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކަނޑައަޅާފައިވާއިރު، މި ފަހަރުގެ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަން ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ ދެ ޑިވިޝަނުގައި ވެސް ރާއްޖޭން ވާދަކުރާނެއެވެ. 

މުބާރާތުގައި ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހު ނިކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އެއަށްފަހު، ދެވަނަ މެޗުގައި ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ނޭޕާލްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާއިރު، ތިންވަނަ މެޗުގައި އޭގެ ދެ ދުވަސްފަހުން، މި މަހުގެ 17 ވަނަ ދުވަހު ބައްދަލުކުރާނީ ޕާކިސްތާނާ އެވެ. ހަތަރުވަނަ މެޗުގައި ބޫޓާނާ ދެކޮޅަށް މި މަހުގެ 21 ވަނަ ދުވަހު ކުޅުމަށްފަހު، ފަސްވަނަ މެޗުގައި ޖަނަވަރީ 23 ވަނަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅޭނެ އެވެ. ލީގު ބުރުގެ ފަހު މެޗުގައި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

މިއީ ދެކުނު އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމަކުން ވާދަކުރާނެއެވެ. އެއީ، ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއެވެ.

ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ އަންހެން ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑު:

1. ފާތިމަތު އަފްޒާ

2. ފާތިމަތު ސާލިޔާ

3. ފާތިމަތު ސައުސަން (ގޯލްކީޕަރ)

4. މަރިޔަމް ރިފާ

5. ފާތިމަތު އިނާޝާ އާދަމް

6. ރާނިޔާ އިބްރާހިމް

7. ސާއިގާ ހުސައިން (ގޯލްކީޕަރ)

8. އާމިނަތު ފަޒްލާ

9. ފާތިމަތު ސައިނާ

10. މަރިޔަމް ނޫރާ

11. ފާތިމަތު ފައިހާ އަލީ

12. އާމިނަތު ޝާމިލާ

13. މަރިޔަމް ޝަފާ ބިންތި އަހުމަދު އަލީ

14. ހައްވާ ހަނީފާ

ކިޔުންތެރިންގެ ހިޔާލު