ENGLISH

25 ޖުލައި 2026

Advertisement

ފްރެންޗް އޯޕަން ކާމިޔާބުކޮށް އަންޑްރީވާ ޓެނިހުގެ ތަރިއަކަށް

06 ޖޫން 2026

|

ސުވެއިދާ ހުސެއިން

ޓެނިސް ކުޅުންތެރިޔާ މީރާ އަންޑްރީވާ: ފްރެންޗް އޯޕަން ކާމިޔާބުކުރުމާއެކު އޭނާ ވެގެންގޮސްފައިވަނީ ފާއިތުވި 30 އަހަރުގެ ތެރޭގައި އެ މުބާރާތް ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާއަށް --

ދުނިޔޭގައި އުފެދުނު އެންމެ އުންމީދީ އެއް އަންހެން ޓެނިސް ކުޅުންތެރިޔާ ކަމަށްވާ މީރާ އަންޑްރީވާ، ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި މާޔާ ފަލިންސްކާ ބަލިކޮށް، ފާއިތުވި 30 އަށް އަހަރު ތެރޭގައި އެ މުބާރާތް ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފިއެވެ.

ފަލިންސްކާގެ މައްޗަށް އަންޑްރީވާ ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. އެއީ 3-6 އަދި 2-6 ގެ ނަތީޖާއަކުންނެވެ. މިއާއެކު އޭނާ ވަނީ ދުނިޔޭގެ އެންމެ މަތީފަންތީގެ ޓެނިސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.

ރަޝިއާއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ މި ކުޅުންތެރިޔާއަކީ މީގެ ކުރިންވެސް ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ކުޅުންތެރިއެކެވެ. އޭނާގެ ފުރަތަމަ ގްރޭންޑް ސްލޭމް ތަށި ކާމިޔާބުކުރުމާއެކު މިހާރު ހިމެނިފައިވަނީ އީގާ ޝްވާންޓެކް، އަރީނާ ސަބަލެންކާ އަދި ކޮކޯ ގޯފް ފަދަ ދުނިޔޭގެ މަޝްހޫރު ޗެމްޕިއަނުންގެ ލިސްޓުގައެވެ.

މިއީ 1992 ވަނަ އަހަރު މޮނިކާ ސެލެސް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޕެރިހުގައި ތަށި އުފުލާލި ފަހުން، ރޮލަންޑް ގަރޯސްގައި އަންހެން ސިންގަލްސް ތަށި ހޯދި އެންމެ ހަގު ކުޅުންތެރިޔާގެ ރިކޯޑެވެ. މިއީ އޭނާގެ ހުނަރުވެރިކަން ހާމަވެގެންދިޔަ ތާރީޚީ ކާމިޔާބީއެކެވެ.

ފައިނަލްގައި އަންޑްރީވާއާ ވާދަކުރި ފަލިންސްކާ، މުބާރާތުގެ ކޮލިފައިން ބުރުން ފެށިގެން ފައިނަލާ ހަމައަށް، އޭނާ ހިތްވަރުގަދަ މޮޅު ކުޅުމަށް ގިނަ ބައެއްގެ ތައުރީފު އޮހުނު ނަމަވެސް، އުމުރުން 24 އަހަރުގެ ފަލިންސްކާއަށް މީގެ ކުރިން ކުޅުނު ނުވަ މެޗުގައި ދެއްކި މޮޅު އުކުޅުތައް ފައިނަލުގައި ތަކުރާރުކުރެވޭ ގޮތެއް ނުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަންޑްރީވާ ދިޔައީ ވަގުތުގެ ބޭނުން ހިފައި، އޭނާގެ ކުޅުން ވަރުގަދަކޮށް، ޕްރެޝަރު ކޮންޓްރޯލް ކުރަމުންނެވެ. މި މެޗުން ފެނިގެންދިޔައީ އަންހެން ޓެނިހުގެ ކުރިމަގު ބައްޓަންކުރާނެ އައު ބާރެއް އުފަންވި މަންޒަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އަނެއްކޮޅުން ފަލިންސްކާގެ ކުޅުން ފައިނަލުގައި އެދެވޭ މިންވަރަށް ނުދެއްކުނު ނަމަވެސް، އޭނާއަށްވެސް މިހާރު ވަނީ އުންމީދީ ދޮރުތަކެއް ހުޅުވިފައެވެ. އެގޮތުން މި މުބާރާތަށްފަހު އޭނާ ދުނިޔޭގެ ރޭންކިންގެ 21 ވަނައަށް ކުރިއަށް ޖެހިލާނެއެވެ.

މިއީ ގްރޭންޑް ސްލޭމް ފައިނަލެއްގައި މި ދެ ކުޅުންތެރިންވެސް ވާދަކުރި ފުރަތަމަ ފަހަރު

މި މެޗުގެ ފުރަތަމަ ސެޓުގައި ދެ ކުޅުންތެރިންގެ ފަރާތުންވެސް ފައިނަލެއްގެ ޕްރެޝަރު ފެނިގެންދިޔައެވެ. ކޮލިފައިން ބުރުން ފެށިގެން އައިސް ގްރޭންޑް ސްލޭމް ފައިނަލަކަށް ދިޔަ ދެވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދި ފަލިންސްކާ، މެޗުގެ ކުރީކޮޅު ރަނގަޅު ހިތްވަރެއް ދެއްކިއެވެ. ނަމަވެސް ދެ ކުޅުންތެރިންނަށްވެސް އެއްވަރެއްގައި ކުޅުން ހިފަހައްޓައެއް ނުލެވުނެވެ.

ފުރަތަމަ ސެޓުގެ ނަތީޖާ 3-3 ގައި އޮއްވައި އަންޑްރީވާ އޭނާގެ ހަމަލާތައް ވަރުގަދަކޮށް، ފަލިންސްކާ ޑިފެންސަށް ފައިބަން މަޖުބޫރު ކުރުވިއެވެ. އަންޑްރީވާގެ އިތުބާރު ބޮޑުވަމުން ގޮސް، ފުރަތަމަ ސެޓު އޭނާ ކާމިޔާބުކުރީ ވަރަށް ހަމަޖެހިލައިގެންނެވެ.

މި ނަތީޖާއާއެކު އިތުބާރު ލިބި ދެވަނަ ސެޓުގައި އަންޑްރީވާގެ ކުޅުން އިތުރަށް ވަރުގަދަވިއެވެ. އޭނާ ވަނީ ސެޓުގެ ކުރީކޮޅު 0-4 ގެ ލީޑެއް ނަގާފައެވެ. އަދި ފަލިންސްކާ ފަހަތުން އަރައި ނަތީޖާ 2-5 އަށް ބަދަލުކޮށްލި ނަމަވެސް، އަންޑްރީވާގެ ހިތްވަރަށް ބަދަލެއްނައެވެ. އެންމެ ފަހުން މޮޅު ބެކްހޭންޑް ހަމަލާއަކުން އޭނާ މެޗު ކާމިޔާބުކުރިއެވެ.

މި ކާމިޔާބީއާއެކު އިނާމެއްގެ ގޮތުގައި އަންޑްރީވާއަށް 3.22 މިލިޔަން ޑޮލަރު ލިބުނުއިރު، ރަނަރަޕް ފަލިންސްކާއަށް 1.61 މިލިޔަން ޑޮލަރު ލިބުނެވެ. މިއީ ފަލިންސްކާގެ މުޅި ކެރިއަރުގައި މިހާތަނަށް ހޯދި އާމްދަނީގެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.

ކިޔުންތެރިންގެ ހިޔާލު