ENGLISH
14 ޖެނުއަރީ 2026
މާފަންނު ދަނޑުގެ ގުދަންތަކުގެ މައްސަލަ ހައްލުކޮށް ދެ ދަނޑު އަޅަނީ
06 ޖެނުއަރީ 2026
|
މާފަންނު ފުޓްބޯޅަ ދަނޑުގެ ބިމުގައި އަޅާފައިވާ ގުދަންތައް. ފޮޓޯ: މިހާރު
މާފަންނު ފުޓްބޯޅަ ދަނޑުގެ ބިމުގައި އަޅާފައިވާ ގުދަންތަކުގެ އެއްބަސްވުންތަކަށް އަމަލުކުރުން ނިމުމަކަށް ގެނެސް، އެ ބިމުގައި ދެ ދަނޑު އެޅުމުގެ މަސައްކަތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފަށައިފިއެވެ.
އެފްއޭއެމްގެ އެކްސްކޯ އިން އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު، މީޑިޔާއާ ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، 2017 ވަނަ އަހަރުން ފެށިގެން 50 އަހަރުގެ މުއްދަތަށް މާފަންނު ފުޓްބޯޅަ ދަނޑުގެ ބިމުގައި، ހަދާފައިވާ ބިންތައް ދޫކޮށްފައި ވަނީ އެފްއޭއެމްގެ އެކްސްކޯގެ ނިންމުމެއް ނެތި ކަމަށެވެ. އެ ގުދަންތައް ހަދާފައި ވަނީ ފީފާއިން ދިން ފައިސާއިންނެވެ.
އެކަން ކުރުމަށް ފީފާގެ ނިންމުމެއް ނުވަތަ ހުއްދައެއް ނެތްއިރު، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ވެސް ހުއްދައެއް ހޯދާފައިނުވުމާއެކު އެ އެއްބަސްވުންތަކަށް އަމަލުނުކުރަން އެފްއޭއެމްގެ އެކްސްކޯ އިން ވަނީ ނިންމައިފައެވެ.
މީގެއިތުރުން، ބައްދަލުވުމުގައި އެފްއޭއެމްގެ އެކްސްކޯ އިން ނިންމާފައިވާ އިތުރު ނިންމުންތަކުގެ ތެރޭގައި، 2017 ވަނަ އަހަރުން ފެށިގެން 50 އަހަރުގެ މުއްދަތަށް ފުޓްބޯޅަ ފެސިލިޓީ ގާއިމުކުރުމަށް ދޫކޮށްފައިވާ މާފަންނު ދަނޑުގެ އެ ބިމުގައި ފުޓްބޯޅަ ދެ ދަނޑުއަޅަން ނިންމައި، ކުރެހުންތައް ވަނީ ފާސްކޮށްފައެވެ.
މީގެ ނުވަ އަހަރު ކުރިން، 2017 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހު، ފީފާގެ ޚަރަދުގައި ސްޕޯޓްސް އެރީނާއަކާއި އޮފީސް އިމާރާތެއް ތަރައްގީ ކުރުމަށް އެފްއޭއެމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ދީފައިވަނީ މާލޭގެ 378 ނަންބަރު ކޮށީގެ ބިމެވެ.
އެފްއޭއެމްގެ ކުރީގެ މެނޭޖްމަންޓުން އުސޫލުން ބޭރުން ގިނަ ކަންތައްތަކެއް ކޮށްފައިވުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ޠާރިޤު އިސްކޮށް ހުންނަވައި، އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.