ENGLISH
14 ޖެނުއަރީ 2026
ޖޫން މަހު ރާއްޖޭގައި ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތެއް ބާއްވަނީ
05 ޖެނުއަރީ 2026
|
މީގެކުރީން ގައުމީ ފުޓްބޯޅަ ޓީމު މާލޭގައި ކުޅުނު މެޗެއްގެ ކުރީން. --
ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ހަރަކާތްތަކަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން އަންނަ ޖޫން މަހުގެ ތެރޭގައި ރާއްޖޭގައި ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބޭއްވި އެކްސްކޯގެ ނުވަވަނަ ބައްދަލުވުމުގައެވެ.
'ޑައިމަންޑް ޖުބިލީ' އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތް ނަމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް އަންނަ ޖޫން މަހުގެ 1 އިން 10 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.
މި މުބާރާތަށް ސްރީ ލަންކާ، ބަންގްލަދޭޝް އާއި ނޭޕަލަށް ދައުވަތު ދޭން ނިންމާފައިވާ ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.
މީގެއިތުރުން، އެފްއޭއެމުން ވަނީ، ރާއްޖޭގައި ރަސްމީކޮށް ފުޓްބޯޅަ ކުޅެންފެށިތާ 75 އަހަރު ފާހަގަކުރުމުގެ ގޮތުން، 19 އަހަރުން ދަށުގެ 'ޑައިމަންޑް ޖުބިލީ' އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް ވެސް އަންނަ ފެބުރުއަރީ މަހުގެ 7-15 އަށް ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.
ނަވާރަ އަހަރުން ދަށުގެ އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ސީއެޗްއެސްއީ-މާލެ، ސީއެޗްއެސްއީ-ހުޅުމާލޭގެ އިތުރުން އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އަދި ވިލާ އިންޓަރނޭޝަނަލް ހައިސްކޫލަށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެފްއޭއެމުން ބުނެފައިވެއެވެ.
ރާއްޖޭގައި ފުޓްބޯޅައިގެ ފެށުން ކަމަށް ބަލަނީ، އެންމެ ފުރަތަމަ ޤައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބޭއްވި 1950 ވަނަ އަހަރު އެވެ. އެހެންކަމުން، ފުޓްބޯޅަ އަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، 2000 ވަނަ އަހަރު ވަނީ "ގޯލްޑެން ޖުބިލީ" ގެ ނަމުގައި އެ އަހަރު ފޯރިގަދަ ސަރަހައްދީ ފުޓްބޯޅަ މުބާރާތެއް ބާއްވައިފައެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސްރީ ލަންކާ އިންނެވެ.