ENGLISH

14 ޖެނުއަރީ 2026

Advertisement

ކާށިދޫ ބަލިކޮށް، އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް އުފުލާލައިފި

04 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް އާއެކު އޭދަފުށީ ޓީމު. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ޕެނަލްޓީ ޖަހައިގެން ކ. ކާށިދޫ ބަލިކޮށް، ބ. އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް އުފުލާލައިފިއެވެ.

އޭދަފުށިން ޕެނަލްޓީގައި ކާށިދޫ ބަލިކުރީ 3-1 އިންނެވެ. މިއާއެކު، އޭދަފުށި ވަނީ ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ތިންވަނަ ޓީމުގެ ޝަރަފު ހޯދާފައެވެ. މީގެކުރީން، ކ. ގާފަރު އާއި ލ. ގަމުން ވަނީ ޝީލްޑް ކާމިޔާބުކޮށްފައެވެ. އޭގެތެރެއިން، ގަމުން ވަނީ ދެ ފަހަރު ޝީލްޑް އުފުލާލައިފައެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި އޭދަފުއްޓާއި، ކާށިދޫގެ ފަރާތުން ގިނަ ހަމަލާތަކެއް ގޯލަށް ފޮނުވާލައިފައިވާއިރު، ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފައެވެ.

އެހެންކަމުން، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓްއަކަށްފަހު އެވެ. ޕެނަލްޓީގައި އޭދަފުށިން ވަނީ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އޭދަފުއްޓަށް ނާކާމިޔާބުވީ އަހުމަދު ފާތިން ފޮނުވާލި ޕެނަލްޓީ އެކަންޏެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަރީފް އާއި އަލީ ނަސީމް އަދި އުނައިޝް ޒުބެއިރު އެވެ.

ކާށިދޫން ފޮނުވާލި ހަތަރު ޕެނަލްޓީގެތެރެއިން ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. އެ ޓީމުން ފޮނުވާލި އަނެއް ތިން ޕެނަލްޓީ އޭދަފުށީގެ ބަދަލު ކީޕަރު، މުޙައްމަދު ޝާން ވަނީ މަތަކޮށްފައެވެ. އެއީ، ކާށިދޫގެ އަބްދުﷲ ސުޒެއިރު، އިލްވާން މުހައްމަދު އާއި އަހުމަދު މަޖީދު ފޮނުވާލި ޕެނަލްޓީތަކެވެ. ކާށިދޫން ކާމިޔާބުކުރީ އަޖުލާން ޢަބްދުލްހަންނާންގެ ޕެނަލްޓީއެވެ.

ރޭގެ މޮޅާއެކު އޭދަފުށިން ވަނީ، ގޯލްޑަން ފުޓްސަލްގެ ތާރީޚުގައި ކާށިދޫއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ. އެގޮތުން، ޒޯން ބުރުގެ މެޗާއި، އެ ބުރުގެ ފައިނަލް މެޗުން ވެސް އޭދަފުށި ވަނީ ކުރިހޯދާފައެވެ.

އެހެންފަހަރުތަކޭ އެއްފަދައިން މި ފަހަރުގެ ޗެރިޓީ ޝީލްޑް މެޗުގެ ފައިސާ ވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު