ENGLISH

31 ޑިސެމްބަރު 2025

Advertisement

ބާޒާރު މަތީ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ކުރިއަށް؛ ފެން ހިންދާ ނިޒާމުގެ %50 ނިމިއްޖެ

31 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ބާޒާރު މަތީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން، ފޮޓޯ: އެމްޓީސީސީ

މާލޭގެ ބާޒާރު މަތީ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ 50 އިންސައްތަަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ. 

މި މަހުގެ ނުވަވަނަަ ދުވަހުގައި ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ބައި އަލުން ތަރައްގީކުރުމުގެ މސައްކަަތް ފަށާފައިވާއިރު، އެ މަސައްކަތުގެ ދަށުން ޝީޓް ޕައިލްކުރުމުގެ މަސައްކަތްވެސް ވަރަށް ހަލުއިކަމާއެކު އަންނަނީ ކުރަމުންނެވެ. 

އެމްޓީސީސީން ބުނެފައިވަނީ ނަރުދަމާއާއި ފެންހޮޅި އެޅުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ. 

މި މަޝްރޫއުގެ ދަށުން މާލޭ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، އެއްގަމު ތޮށި ހަ މީޓަރަށް ބޭރަށް ޖައްސައި މަގު ފުޅާކުރާނެއެވެ. 

  މި މަޝްރޫޢު ނިމުމުން ބާޒާރުމަތީ ސަރަޙައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ހަަމަޖެހިފައިވެއެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. މި މަސައްކަތުގެ ސަބަބުން މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

އެމްޓީސީސީގެ އަމާޒަކީ ރޯދަ މަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.  

ކިޔުންތެރިންގެ ހިޔާލު