ENGLISH

23 ޑިސެމްބަރު 2025

Advertisement

މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑު އަހައިގެން: ރައީސް

23 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

"ނޭޝަނަލް ޔޫތު ކޮންފަރެންސް 2025" ގައި ހިމެނިގެން މިރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ހަރަކާތުގައި ރައީސް ވާހަކަފުުޅު ދައްކަވަނީ --

މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑު އަހައިގެން ކަމަށާ ޒުވާނުންގެ ވިސްނުމާާއި ބައިވެރިވުން މި ސަރުކާރުން ހޯއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ނޭޝަނަލް ޔޫތު ކޮންފަރެންސް 2025" ގައި ހިމެނިގެން މިރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ހަރަކާތުގައި ވާހަކަފުުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޒުވާނުންނަކީ ގައުމު ކުުރިއެރުމުގަައި އެންމެ މުހިންމު ބައިވެރީން ކަމަށެވެ.

"ޒުވާނުންނަކީ ޤައުމު ކުރިއެރުމުގައި އެންމެ މުހިންމު ބައިވެރީން. މިއަދުވެސް އަދި އަމުދުން މާދަމާ. އެހެން ކަމުން މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑު އަހައިގެން. އެއީ އަޅުގަނޑު ޤަބޫލުކުރާ ހަމައަކީ,"

ރައީސް ވިދާޅުވީ ޒުވާނުންގެ ކޮންމެ ޚިޔާލެއް ވެސް އެމަނިކުފާނަށް ވަރަށް މުހިންމު ޚިޔާލެެއް ކަަމަށެވެ. އަދި ޒުވާނުންނާއި ބައްދަލްވުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން ކަންކަން ނިންމާއިރު ޒުވާނުންގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށެވެ. ނަމަވެސް މިހާތަނަށް އެފަދަ ކަންކަން ކުރެވޭނެ މާބޮޑު ނިޒާމެއް ގާއިމު ކުރެވިފައި ނެތް ކަމަށާ އެކަންކަން ރަނގަޅު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޔޫތު އެޑްވައިޒަރާ ބޯޑެއްް އެކުލަވާލާ ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވަމުން ގެންދަަވަނީ އެ ބޭނުމުގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ކޮންމެ ލެވެލްއެއްގައިވެސް ޑިޒިޝަން މޭކިންގައި ޒުވާނުންގެ ބައިވެރިވުން އޮތުމަކީ އަދި ޒުވާނުންގެ ޚިޔާލު ލިބިގެން ދިއުމަކީ ބިނާކުރަނިވި ގޮތެއްގައި ސަސްޓެއިނަބަލް ގޮތެއްގައި މީނިންގފުލް ގޮތެއްގައި ކުރަން ޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ," ރައީސް ވިދާޅުވި އެވެ.

މިރޭގެ ބައްދަލްވުމުގައި ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ރަައީސް ވަނީ އަޑުއައްސަވާފަ އެވެ. ބައެއް ޒުވާނުން ވަނީ ޔޫތު ޕާލިމަންޓް ހުއްޓިފައިވާތީ އެކަން ފާހަގަ ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އެކަން ހުއްޓިފައި އޮތްގޮތެއް ބައްލަވާނެ ކަމަށެވެ. އަދި ޒުވާނުންގެ ހުރިހާ ކަންބޮޑުވުންތަކަށް ޙައްލެއް ހޯއްދެވުމަށް މަސަައްކަތް ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު