ENGLISH

24 ޑިސެމްބަރު 2025

Advertisement

ސިޔާސަތަކީ ތަރައްޤީގެ ކަމަކަށް ތަނަކުން ގަހެއް ނަގަން ޖެހިއްޖެނަމަ އޭގެ ބަދަލުގައި އެތައް ގަހެއް އިންދުން: ރައީސް

23 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

މިރޭގެ ބައްދަލްވުމުގައި ރައީސް ވާހަކަ ދައްކަވަނީ --

ސަރުކާރުގެ ސިޔާސަތަކީ ތަރައްޤީގެ ކަމަކަށް ތަނަކުން ގަހެއް ނަގަން ޖެހިއްޖެނަމަ އޭގެ ބަދަލުގައި އެތައް ގަހެއް އިންދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ނޭޝަނަލް ޔޫތު ކޮންފަރެންސް 2025" ގައި ހިމެނިގެން މިރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ހަރަކާތުގައި ވާހަކަފުުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދާދި ފަހުން ވިލިގިލީގައި އޮތް ރައްޔިތު ބައްދަލްވުމެއްގައި ރައްޔިތުންގެ އެދުމަކަށް އެ އަަވަށުން ދެ ނިކަ ގަހެއް ނެގުމަށް ނިންމި ކަމަށެވެ.

އަދި އޭގެ ބަދަލުގައި އިތުރު 500 ގަސް އިންދަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ތަރައްޤީގެ އެއްވެސް ކަމަކާއި ގުޅިގެން ގަހެއް ނަގަން ޖެހިއްޖެނަމަ އިތުރު އެތައް ގަހެއް އިންދުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކީ ޑިވެލޮޕްމަންޓް ޕާޕަސްއަކަށް ތަނަކުން ގަހެއް ނަގަން ޖެހިއްޖެއްޔާ އޭގެ ބަދަލުގައި އެތައް ގަހެއް އިނދުން," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެ ފެހި ކުރަން ސަރުކާރުން ވަަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ފެއްޓެވީ ވެސް އެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިހާރު ވެސް އެއް މިލިއަން ގަސް އިންދާފައިވާ ކަމަށެވެ. ކުރިއަށް އޮތް ތިން އަހަރުތެރޭ އެއް މިލިއަން ގަސް އިންދުމުގެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަަމަށާ އެކަމުގައި ޒުވާނުންގެ ބައިވެރިވުން މުހިންމު ކަމުގައި ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު