ENGLISH

20 ޑިސެމްބަރު 2025

Advertisement

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރި އޭޕްރަން ހުޅުވައި، އާ ޓާމިނަލް އިމާރާތުގެ ބިންގާ އަޅައިފި

20 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންގެ މަޝްރޫޢު ފެށުން. ފޮޓޯ: އައިލެންޑް އޭވިއޭޝަން

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވުމާއެކު، އާ ޓާމިނަލް އިމާރާތުގެ ބިންގާ އަޅައިފިއެވެ. 

އޭޕްރަން ބޮޑުކޮށް ރަސްމީކޮށް ހުޅުވުމާއި، އާ ޓާމިނަލް އިމާރާތުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އޮތީ މިއަދު މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މިއަދު އޮތް ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަނުގެ އިސްވެރިންނާއި، ޕްރޮޖެކްޓް ޕާޓްނަރުންގެ އިތުރުން ކޮންޓްރެކްޓަރުން ވަނީ ބައިވެރިވެފައެވެ. 

މާފަރު އެއާޕޯޓް 2019 ވަނަ އަހަރު ހުޅުވައި، ހިންގަމުން އަންނަނީ އައިލެންޑް އޭވިއޭޝަނުންނެވެ. 

އައިލެންޑް އޭވިއޭޝަނުން މިއަދު އާއްމުކުރި ނޫސްބަޔާނުގައި ބުނީ، މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތަށް ފައިސާ ހަމަޖެއްސީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކަމަށެވެ. އެ މަޝްރޫޢު ކުރިއަށްގެންދިޔައީ އެމްޓީސީސީންނެވެ. 

އައިލެންޑް އޭވިއޭޝަނުން ބުނީ އާ އޭޕްރަން ތަރައްޤީކޮށް ނިމުމާއެކު، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ކެޕޭސިޓީ އިތުރުވެ، ޕްރައިވެޓް ޖެޓްތަކަށް ފަސޭހަވަގެންދާނެ ކަމަށެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރާ އާ ޓާމިނަލްގެ މަސައްކަތް އައިލެންޑް އޭވިއޭޝަނާ ޙަވާލުކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. 

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމައި، އިންޓަނޭޝަނަލް ފެންވަރުގައި ހުޅުވީ މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. 

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިޔައީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން އެ މަޝްރޫޢުތައް ހިންގުމަށް އެހީ ދިނީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) މެދުވެރިކޮށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. 

އޭޑީއެފްޑީގެ އެހީއާއެކު ސަރުކާރުން މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ޙަވާލުކުރީ އެމްޓީސީސީއާއެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތުގެ އަގަކީ 415 މިލިއަން ޑޮލަރެވެ. 

ދެވަނަ ފިޔަވަހީގެ ދަށުން ވަނީ، ކޯޑް އީ ނުވަތަ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ގޮތަށް ރަންވޭ 2.8 ކިލޯމީޓަރަށް ބޮޑުކުރުމުގެ އިތުރުން، ރަންވޭ ދިގުކުރުމަށް އަދި ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކޮށް އަދި ރަންވޭ އެއާފީލްޑާއި އެއާފީލްޑް ލައިޓް އަޕްގްރޭޑް ކޮށްފައެވެ. 

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ޕްރައިވެޓް ޖެޓްތައް އެންމެ ގިނައިން ޖައްސާ އެއާޕޯޓެވެ. 

ކިޔުންތެރިންގެ ހިޔާލު