ENGLISH
20 ޑިސެމްބަރު 2025
ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް، އޮޑިން މާޒިޔާއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި
19 ޑިސެމްބަރު 2025
|
ޔުނައިޓެޑް ވިކްޓްރީ ކޮޅަށް ލަނޑުޖެހުމަށްފަހު އޮޑި ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީ 1-5 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބުން ތާވަލްގެ އެއްވަނައިގައި އުޅޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.
ލީގުގައި އިއްޔެ ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާ 1-1 އިން މާޒިޔާ އެއްވަރުވުމާއެކު، މިއަދުގެ މެޗު ކާމިޔާބުކޮށްގެން އޮޑި މިވަނީ އެ ޓީމާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ.
މި ނަތީޖާއާއެކު އަދިވެސް މާޒިޔާ އެއްވަނައިގައި އޮތީ 11 މެޗުން 31 ޕޮއިންޓް ހަމަކޮށްގެންނެވެ. އޮޑިން ހަމަ މިއަދަދަށް މެޗު ކުޅެގެން ވަނީ 28 ޕޮއިންޓް ހޯދާފައެވެ. ތިންވަނައިގައި އުޅޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 10 މެޗުން 20 ޕޮއިންޓެވެ. އެ ޓީމަށް ކުރިއަށް ދެން އޮތީ މިރޭ ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ވަނީ ދެ ލަނޑުޖަހައިފައެވެ. އެ ޓީމުން މެޗުގެ 27 ވަނަ މިނެޓުގައި ލީޑުނެގީ ޔޫވީގެ މުޙައްމަދު ސަމްހާން އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. އޭގެފަހުން، ފުރަތަމަ ހާފު ނިމެން 10 މިނެޓަށްވެފައިވަނިކޮށް އޮޑިއަށް ލީޑު ފުޅާކޮށްދިނީ ކަރޮލިސް ލައުކްޒެމިސް އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިން މިނެޓުގެ ތެރޭގައި އޮޑިން ކާމިޔާބުކުރި ތިންވަނަ ލަނޑުޖަހައިދިނީ ވެސް ކަރޮލިސް އެވެ. އަދި އޭގެފަހުން، މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމުގެ މުޒްދާން ހަސަންގެ ގޯލުން ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައިވަނިކޮށް، އަހުމަދު އައިހަމް ވަނީ އޮޑީގެ ފަސްވަނަ ލަނޑުޖަހައިދީފައެވެ.
މެޗުގައި ޔޫވީން ޖެހި ހަމައެކަނި ލަނޑު، 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުސްތަފާ މަހްމޫދު އަލީ އެލްޝާޒްލީ އެވެ.
މި މެޗުން ބަލިވި ޔޫވީ އޮތީ ލީގުގެ އަށްވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 11 މެޗުން ހަތް ޕޮއިންޓެވެ.