ENGLISH
19 ޑިސެމްބަރު 2025
ފްލެޓް ހެދުމަށް ނެގި ލޯނުތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދެވޭތޯ މަސައްކަތް ކުރައްވާނެ: ރައީސް
19 ޑިސެމްބަރު 2025
|
ރޭގެ ބައްދަލްވުމުގައި ރައީސް ރައްޔިތަކާއި ސަލާމް ކުރައްވަނީ --
ފްލެޓްތައް ހެދުމަށް ބޭންކުތަކުން ލޯނު ނެގި ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދެވޭތޯ މަސައްކަތް ކޮށްދެއްވާނެ ކަމަށްރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ބައްދަލްވުމުގައި އާންމުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފްލެޓްތައް ހެދުމަށް ބޭންކުތަކުން ލޯނު ނެގި ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދެވޭތޯ މޯލްޑިވްސް އިސްލާމިކް ބެންކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.
ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ސަރުކާރުން އެންމެ ފަހު ވަގުތު ހަވާލުކުރީ އެތަންތަނުގެ ފިނިޝަން ނުނިންމަ އެވެ. އެހެން ކަމުން ފްލެޓްތަަކަށް ވަންނަން އާންމުން ބޮޑު ހޭދައެއް ކުރަން ޖެހުނެވެ.
އެކަންބޮޑުވުންތައް އާންމުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފަ އެވެ. ކެމްޕެއިންގައި ރައީސް ވަނީ އާންމުންނަށް ލިބުނު މާލީ ގެއްލުމަށް ބަދަލެއްގެ ގޮތުން ހިޔާގެ ކުލީން ދެ ލައްކައެއްހާ ރުފިޔާގެ ލުޔެއް ދެއްވާން ނިންމަވާފަ އެވެ.
އެ ނިންމެވުން ތަންފީޒު ކުރައްވާ އެ ލުއި ރައްޔިތުންނަށް ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ރޭ ވެސް ދެއްވާފަ އެވެ.