ENGLISH
19 ޑިސެމްބަރު 2025
ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކުރާ ބިދޭސީން ލީގަލައިޒްކުރުމަށް މުއްދަތެއް ދީފި
19 ޑިސެމްބަރު 2025
|
ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކުރާ ބިދޭސީން ލީގަލައިޒްކުރުމަށް މުއްދަތެއް ދީފި އެެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" އަންނަ އަހަރުގެ ޖަނަވަރީ އެއް ވަނަ ދުވަހުން ފެށިގެން 2026 އޭޕްރީލް ދެވަނަ ދުވަހާ ހަމައަށް ހުޅުވާލާނެ ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ބިދޭސީންނަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިގޮތުން ވަޒީފާ ދޭނެ ފަރާތެއްހުރި، ލީގަލައިޒްވާން އެދޭ ބިދޭސީން ލީގަލައިޒްކުރުމަށް ހުށަހަޅާނީ، "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް، ވަޒީފާދޭ ފަރާތުން ކަމަށެވެ. އަދި ލީގަލައިޒްކުރުމަށް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާނެ ގޮތުގެ ޔޫޒަރ ގައިޑް އެކްސްޕެޓް ސިސްޓަމް ހޯމް ޕޭޖަށް އަޕްޑޭޓް ކުރާނެ ކަމަށް ވެސް ބުންޏެވެ.