ENGLISH
10 ޑިސެމްބަރު 2025
ދުވާފަރުގައި "މަސްވެރިންގެ ގުންޒަރު" ފަށައިފި
10 ޑިސެމްބަރު 2025
|
މަސްވެރިންގެ ގުންޒަރު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ފިޝަރީސް މިނިސްޓްރީ
ރ. ދުވާފަރުގައި "މަސްވެރިންގެ ގުންޒަރު" ފަށައިފި އެވެ.
ސާޅީސް ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ގުންޒަރުގައި މިއަދު ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި އެ ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފަ އެވެ. މީގެ އިތުރުން ދުވާފަރުގެ މަސްވެރިންނާއި އެކި ރަށްރަށުގެ މަސްވެރިން ބައިވެރިވި އެވެ. މި ގުންޒަރުގައި ނުވަ އަތޮޅަކުން 47 މަސްވެރިންނާއި، ހަތަރު މަސް ޕްރޮސެސްކުރާ ކުންފުންޏަކުން ވަނީ ބައިވެރިވެފަ އެވެ.
"މަސްވެރިންގެ ގުންޒަރު" ގެ މައިގަނޑު މަގްސަދަކީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް މި ސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ، ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރުންކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.
މަސްވެރިން ވަނީ އެމީހުންނަށް ދިމާވާ ދަތިތަކާއި، ގޮންޖެހުންތައް ހައްލުކުރުމަށް ފުޅާ ދާއިރާއެއްގައި މި ގުންޒަރުގައި މަޝްވަރާކޮށްފަ އެވެ.
މިއަދު ފެށި ގުންޒަރުގައި ވަޒީރު އަހުމަދު ޝިޔާމް ވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ވުޒާރާއިން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
"މަސްވެރިންގެ ގުންޒަރު" ކުރިއަށްދާނީ މިމަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރަނީ ރ. ދުވާފަރުގަ އެވެ.