ENGLISH

05 ޑިސެމްބަރު 2025

Advertisement

ނޭކުރެންދޫ ސްކޫލްގައި ތަރައްޤީކުރާ ހަތަރު ކްލާސް ރޫމްގެ މަސައްކަތް ނިމުމާގާތަށް

05 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ނޭކުރެންދޫ ސްކޫލް އިމާރާތުގެ މަސައްކަތުގެ ތެރެެއިން--ފޮޓޯ:އެމްޓީސީސީ

ހދ. ނޭކުރެންދޫ ސްކޫލްގައި ތަރައްޤީކުރާ ހަތަރު ކްލާސްރޫމްގެ މަޝްރޫއު ނިމުމާގާތަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ އެ އިމާރާތުގެ ސީލިންގގެ މަސައްކަތް ކަމަށެވެ.

ނޭކުރެންދޫގައި އިމާރާތްކުރާ ހަތަރު ކްލާސް ރޫމް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ޚިދުމަތް ދޭން ފެށުމާއެކު، އެ ސްކޫލްގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ އެވެ. 

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ނުފެށި ނުވަތަ ހުއްޓިފައިވެ އެވެ. އޭގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި، ޚާއްސަ އިރުޝާދުގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

އެގޮތުން ނޭކުރެންދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ޓަކައި އެރަށުގައި ހިންގާ މަޝްރޫއު ނުނިމި ލަސްތަކެއްވަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާނެ ކަމަށެވެ. ރައީސް މިފަދައިން ވިދާޅުވީ ހދ. އަތޮޅުގެ ރަށްތަކަށް މިއަހަރު އޮގަސްޓް މަހު ކުރެއްވި ޒިޔާރަތުގައި ނޭކުރެންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އަދި  އެ ސްކޫލަށް މަލްޓީޕާޕަސް ހޯލެއް ބޭނުންވާ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި އެ ކަންތައް ހިމަނައިގެން އެންމެ ލަސްވެގެން އަންނަ އަހަރު ކުރީކޮޅު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު