ENGLISH

05 ޑިސެމްބަރު 2025

Advertisement

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަޙައްދު އާއްމުންނަށް ހުޅުވާލަން ތައްޔާރުވަނީ

05 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަޙައްދު. ހޯމަ ދުވަހު ހުޅުވާލަން އަންނަނީ މަސައްކަތްކުރަމުން. ފޮޓޯ: ޕީއެސްއެމް

ސަރުކާރުން ފެށި ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލަން ތައްޔާރުވާން ފަށައިފިއެވެ. 

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައި ފުރަތަމަ ތަރައްޤީކުރަނީ އެމްއެމްއޭ ސަރަޙައްދެވެ. އެ ސަރަޙައްދުގައި އިއްޔެ ވަނީ ތާރު އަޅައި ނިންމައިފައެވެ. 

އެމްޓިސީސީން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދިން ބަސްދީގަތުމެއްގައި ބުނީ، މިހާރު ކުރިއަށްދަނީ މަގުގައި ޓްރެފިކް ނިޝާންތަކުގެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތާއި މަގުގައި ޓްރެފިކް ނިޝާން ކުރެހުމުގެ މަސައްކަތް ކަމަށެވެ. 

އެމްޓީސީސީގެ އަމާޒަކީ އެ ހުރިހާ މަސައްކަތެއް ނިންމުމަށް ފަހު އަންނަ ހޯމަ ދުވަހު އެ މަގު އާއްމުންނަށް ހުޅުވާލުމެވެ. ފުރަތަމަ ފިޔަވަހީގައި 140 މީޓަރުގައި ތާރު ވަނީ އަޅައިފައެވެ. 

ފުރަތަމަ ފިޔަވަހި އާއްމުންނަށް ހުޅުވާލުމަށްފަހު، ދެން ފަށާނީ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. ދެވަނަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯޓު ހާބަރާ ހަމައަށެވެ. އެއީ 250 މީޓަރުގެ ސަރަޙައްދެކެވެ. 

އެމްޓީސީސީން ބުނީ އަންނަ ހަފްތާގައި ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާނެ ކަމަށެވެ. ދެން ފަށާ ސަރަޙައްދުގައި ވެސް އެއްގަމު ތޮށީގެ މަސައްކަތާއެކު ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީގެ ނެޓްވޯކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. 

މާލެގޭ މަލަމަތީގެ ހިތްގައިމުކަން ބަދަލުކޮށްލާނެ މަޝްރޫޢުގެ މުޅި މަސައްކަތް ކުރިއަށްގެންދާނީ ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. އެގޮތުން ނޯތު ހާބަރުން ފެށިގެން އެހިސާބަށް 1088 މީޓަރު ސަރަޙައްދު ތަރައްޤީކުރާނެއެވެ. 

ޖުމްލަ ފަސް ސެގްމެންޓް ހިމެނޭ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ. 

ބޮޑުތަކުރުފާނުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، މާލޭގެ މަގުތައް ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވެސް ސަރުކާރުން އަންނަނީ ވަމުންނެވެ. މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. 

ކިޔުންތެރިންގެ ހިޔާލު