ENGLISH
04 ޑިސެމްބަރު 2025
ހެލްތު ސެޓްފިކެޓަކާ ނުލައި ކާބޯތަކެތި އެތެރެކުރަން ހުއްދަދިން މުވައްޒަފުންތަކެއްގެ މައްޗަށް ދަޢުވާ ކުރަނީ
04 ޑިސެމްބަރު 2025
|
މާލޭ ޕޯޓު ސަރަޙައްދު. ހެލްތު ސެޓެފިކެޓަކާ ނުލައި ދިވެހިރާއްޖެއަށް ކާބޯތަކެތި އެތެރެކުރަން ހުއްދަދިން މުވައްޒަފުންތަކެއްގެ މައްޗަށް ދަޢުވާކުރަން ވަނީ ފޮނުވާފައި. ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހެލްތު ސެޓެފިކެޓަކާ ނުލައި ދިވެހިރާއްޖެއަށް ކާބޯތަކެތި އެތެރެކުރަން ހުއްދަދިން މުވައްޒަފުންތަކެއްގެ މައްޗަށް ދަޢުވާކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން ދަޢުވާކުރަން ކޯޓަށް ހުށަހެޅީ 2025 ޑިސެމްބަރު 3 ވަނަ ދުވަހުއެވެ.
އެ އޮފީހުން މީޑިއާތަކާ ޙިއްޞާކުރި މަޢުލޫމާތުގައި ބުނީ، އެމީހުންނާ މެދު ދަޢުވާކުރަނީ، 2025 ވަަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ޕޯޓް ކްލިއަރަންސްގައި މަސައްކަތްކުރާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފީލްޑް އޮފިސަރުންތަކެއް، ދިވެހިރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމަށް ބޭނުންވާ ހެލްތު ސެޓްފިކެޓާ ނުލައި، ކަނޑުމަގުންނާއި، ވައިގެ މަގުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ޝިޕްމަންޓްތަކެއް އެތެރެކުރުމަށް ކްލިއަރެންސް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމަށެވެ.
މައްސަލައިގައި ދަޢުވާކުރަން ފޮނުވީ، ދަފްތަރު ރސ 9244، އަޙްމަދު ހާޝިމް އަދި ގދ. ތިނަދޫ، އަރަފާތު، އަޙްމަދު ޒާހިިރުގެ މައްޗަށެވެ.
ދެމީހުންގެ މައްޗަށް ވެސް ކުރަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ކުށުގެ ތިން ދަޢުވާއެކެވެ.
ޕީޖީ އޮފީހުން ބުނީ އެމީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުވެއްޖެ ނަމަ، އަދަބުގެ ގޮތުގައި ކޮންމެ ދަޢުވާއަކަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ.
ދަޢުވާ ލިބޭ ދެމީހުންގެ ފަރާތުން ނަސޭޙަތުގެ އެއްބަސްވުމެއް ހެދުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ނަސޭޙަތުގެ އެއްބަސްވުމަކަށް އެދުނު ނަމަވެސް، މި ކުށަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުންހުރި ކުށަކަށްވެފައި، ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤާނޫނުތަކާ އުޞޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާތީ، ޢާންމު މަސްލަޙަތު ވަޒަން ކުރުމަށްފަހު ނަސޭހަތުގެ އެއްބަސްވުމެއް ނުހެދުމަށް ޕީޖީ އޮފީހުން ނިންމާފައިވާކަމަށް އެ އޮފީހުގެ މީޑިއާ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.