ENGLISH

04 ޑިސެމްބަރު 2025

Advertisement

އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސް މީހުން ހައްޔަރުކޮށްފި

04 ޑިސެމްބަރު 2025

|

ހަސަން އާމިރު

އައްޑޫ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯރކެއްގެ އިސްފަރާތްތައް ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

މިއީ މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަަށް ފުލުހުން ކުރިއަށްގެންދާ "އަލިމަގު" ގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުން ބުނީ މި ނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ އިންވެސްޓިގޭޝަނެއް ފުލުހުން ފަށާފައި ވަނީ މި އަހަރު މާރޗް މަހުން ފެށިގެން ކަމަށެވެ.

މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ވަނީ ހޯދިފައި ކަމަށާއި އަދި ފާއިތުވި ފަސް އަހަރު މި ނެޓްވޯރކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއީ މިހާރު ވެސް ކުރިއަށްދާ އޮޕަރޭޝަނަކަށްވުމާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެެންގެވުމަކަށް، މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަަށް "އަލިމަގު"ގެ ނަމުގައި ފުލުހުން އޮަޕަރޭޝަނެއް ފަށާފައި ވަނީ ނޮވެމްބަރު 1 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަނުގެ ނޮވެމްބަރު 25 ވަނަ ދުވަހާ ހަމައަށް 110 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ޑްރަގުގެ ބޮޑުން ހިމެނެއެވެ. ފުލުހުން ބުނީ ޑްރަގުގެ ވިޔަފާރި މުލުން ލުހެލުމަށް ފުލުހުންގެ ހިދުމަތުން ފެށި މި އޮޕަރޭޝަން ކުރިއަށްގެންދަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ. 

މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވިއިރު، މިހާތަނަށް 105 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަނުގައި ފުލުހުންވަނީ 39 ރަށެއްގައި ހަރަކާތްތެރިވެފައެވެ. އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުވެސް ފުލުހުން ބަލައިފާސްކޮށްފައިވެއެވެ. 

މި އޮޕަރޭޝަނުގެ ތެރެއިން 1 ނޮވެންބަރުން ފެށިގެން 14 ނޮވެންބަރާ ހަމައަށް 30 ކިލޯ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. 

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށާއި އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވެއްޖެ ނަމަ އެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލިހުން އިއްޔެ ވަނީ ފާސްކޮށްފައެވެ.

ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން އެ އަދަބު ކަނޑައަޅަން އިއްތިފާގުވުމުންނެވެ. ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100,000ރ. އިން ފެށިގެން 10,000,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މި ގާނޫނުގެ ދަށުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެއްޖެ ނަމަ ޕެރޯލްގެ ދަށުން ވެސް ދުލެއް ނުކުރެވޭނެ އެވެ. އަދި އަދަބު ލުއިކޮށް މައާފު ވެސް ނުދެވޭނެ އެވެ. މީގެ އިތުރުން މިފަދަ މައްސަލަތަކުގައި ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދައިގެން ނުވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު