ENGLISH
04 ޑިސެމްބަރު 2025
އެމްއޭސީއެލްގެ އެހީގައި ހުރަވީ ސްކޫލްގައި ކުރިއަށް ގެންދިޔަ ދެ ކޯހުގެ ދަސްވެނިވުން ބާއްވާއިފި
04 ޑިސެމްބަރު 2025
|
"ހުނަރު ވެހި" އިން ކުރިއަށް ގެންދިޔަ ކޯހުގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން. --ފޮޓޯ:އެމްއޭސީއެލް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެހީގައި، ހުރަވީ ސްކޫލްގެ ވޮކޭޝަނަލް ހަބް " ހުނަރު ވެހި" އިން ކުރިއަށް ގެންދިޔަ ފުރަތަމަ ދެ ކޯހުގެ ދަސްވެނިވުން ބާއްވައިފިއެވެ.
ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގައި އިއްޔެ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ބޯޑު މެމްބަރު އަދި ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދު އެވެ.
"ހުނަރު ވެހި" އިން އެންމެ ފުރަތަމަ ކުރިއަށް ގެންދިޔަ ދެ ކޯހަކީ ނެޝަނަލް ސެޓްފިކެޓް ލެވެލް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނެންސްގެ އިތުރުން ނެޝަނަލް ސެޓްފިކެޓް ލެވެލް 3 އިން ފެޝަން ޑިޒައިން އެންޑް ޓެއިލަރިންގ އެވެ.
މި ދެ ކޯހުގައި ތިން ބެޗަކުން ޖުމްލަ 42 ދަރިވަރުން ވަނީ ދަސްވެނިވެފަ އެެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީސީއޯ ވިދާޅުވީ ދަރިވަރުންގެ ކިޔެވުމުގެ ތެރެއިން ދަސްކުރާ ހުނަރުތަކަކީ އެ ދަރިވަރުންގެ މުސްތަގުބަލަށް މުހިއްމު ފައިދާއެއް ކުރާނެ ކަންތައްތައް ކަމަށެވެ. ހާއްސަ ގޮތެއްގައި ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ހުނަރުވެރި ދިވެހިން ބޭނުންވެފައިވާ މިފަދަ ދަނޑިވަޅެއްގައި ތައުލީމީ ނިޒާމުގެ ތެރެއިން މިފަދަ ތަމްރީނު ދެވިގެންދިއުމުގެ މުހިއްމުކަން ސީސީއޯ ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ހުރަވީ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ހަލީމް ދެއްކެވި ވާހަކަފުޅުގައި "ހުނަރު ވެހި" ތަރައްޤީކޮށްދެއްވައި، ކޯސްތައް ކުރިއަށް ގެންދިއުމަށްޓަކައި ދެއްވަމުން ގެންދަވާ އެހީތެރިކަަން ފާހަގަކޮށް އެމްއޭސީއެލްގެ ވެރިންނަށް ވަނީ ޝުކުރުއަދާކޮށްފަ އެވެ.
ހުރަވީ ސްކޫލްގައި ގާއިމުކުރި "ހުނަރު ވެހި" އަކީ ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއެރުވުމަށާއި އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުގަންނައި ދިނުމަށް ފަގުފަހިކޮށްދިނުމުގެ ގޮތުން އެމްއޭސީއެލް އިން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން "ހުނަރު ވެހި" އިން ހިންގާ ކޯސްތަކަށް ބޭނުންވާ ސާމާނުތައް އެމްއޭސީއެލް އިން ވަނީ ހަދިޔާކޮށްފަ އެވެ. މިގޮތުން ވަޑާންކުރުމަށާއި، ކަރަންޓާއި ވަޔަރިން އަދި ވެލްޑިން ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން ފަހަން ދަސްކޮށްދިނުމަށް ބޭނުންވާ ސާމާނުތައް ހިމެނެ އެވެ.
މީގެ އިތުރުން "ހުނަރު ވެހި" ތަރައްގީކޮށްފައިވާ އިމާރާތް މާރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި އެހީތެރިކަންވެސް އެމްއޭސިއެލް އިން ވަނީ ފޯރުކޮށްދީފަ އެވެ.